އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގެ ގްރޫޕު ބީ ގެ ފުރަތަމަ މެޗު ފޭދޫ ސްޕޯޓްސްއިން ކާމިޔާބުކޮށްފިއެވެ.
ގްރޫޕު ބީގެ ފުރަތަމަ މެޗުގައި ބައްދަލު ކުރީ ފޭދޫ ސްޕޯޓްސް އާއި މަރަދޫ އެފްސީއެވެ. މިމެޗު ފޭދޫ ސްޕޯޓްސްއިން ކާމިޔާބު ކުރީ އެއްލަނޑު ސުންލަނޑުންނެވެ. ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވެއެވެ. މެޗުގެ ފުރަތަމަ ހާފުގައި ފޭދޫ ޓީމުން ދިޔައީ މަރަދޫ ޓީމުގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އަދި މަރަދޫ ޓީމުންވެސް ކައުންޓަރ އެޓޭކްތަކަށް އަރައި އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާކުރިއެވެ.
ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވެ، 51 ވަނަ މިނެޓުގައި ފޭދޫ ޓީމުގެ ހަސަން ހަނީފް ވަނީ އެޓީމަށް ގޯލެއް ކާމިޔާބު ކޮށްދީފައެވެ. އެ ގޯލު އޭނާ ކާމިޔާބު ކޮށްދިނީ ހުރަސް ކޮށްދިން ބޯޅައެއް ގޯލުތެރެއަށް ފޮނުވާލައިގެންނެވެ. މިހާފު ނިމެން ދިޔަ އިރު މަރަދޫ ޓީމުން ހަމަލާތައް އިތުރު ކޮށް ނަތީޖާ ހަމަހަމަ ކުރަން ގިނަ މަސައްކަތް ކުރިއެވެ. ނަމަވެސް ފުރިހަމަ ވަގުތު ހަމަވީއިރުވެސް އިތުރު ލަނޑެއް ދެޓީމަށް ވެސް ކާމިޔާބު ނުކުރެވެއެވެ.
މެޗައްފަހު ޕީއެސްއެމް އާއި ވާހަކަ ދައްކަމުން ފޭދޫ ސްޕޯޓްސް ޓީމުގެ ކޯޗު އިބްރާހިމް ނިޒާރު ބުނީ، ފުރަތަމަ މެޗުވުމުން މެޗު ވަރަށް ކުޅުނީ ވަރަށް ޕްރެޝަރގައި ކަމަށެވެ. ނަމަވެސް މެޗު ދިޔަ ގޮތާމެދު ހިތްހަމަޖެހޭ ކަމަށް އޭނާ ބުންޏވެ.
އަޑު 1 " ފުރަތަމަ މެޗު ވީމަ އުނދަގޫވާނެ. މެޗުގެ ޕްރެޝަރ އިންނާނެ. މަރަދޫ ޓީމަކީ ޓެލެންޓެޑް ކުޅުންތެރިން ހިމެނޭ ޓީމެއް. އެހެންވީމަ އުނދަގޫ މެޗެއް ކަން އެނގިތިބެ ނިކުތީ. ދެން ރަނގަޅަށް ދިޔައީ. ހަމަ މިގްރޫޕަކީ މިމުބާރާތުގެ އެންމެ ވަރުގަދަ ގްރޫޕް. ދެން އޮތް ޓީމަކީވެސް ހިތަދޫގެ ވަރަށް ރަނގަޅު ޓީމެއް. އެ މެޗަށް ވެސް ތައްޔާރުވެ މޮޅުވާން ނިކުންނާނީ. " ނިޒާރު ބުންޏެވެ.
މަރަދޫ ޓީމުގެ ކޯޗު އިބްރާހިމް ނަސީމް ބުނީ މެޗު ދިޔަ ގޮތާއި މެދު ހިތްހަމަޖޭހެ ކަމަށާއި ނަމަވެސް މެދުތެރެއިން ނުކުޅެވި ދިޔަކަން ފާހަގަ ކުރެވުނު ކަމަށެވެ.
އަޑު 2 " މެޗު އޯވަރޯލްކޮށް ބަލާނަމަ ގޯހެއް ނޫން. ލިބުނު ފުރުޞަތުތަކުގެ ބޭނުން ނުހިފުނީމަ ދިމާވި ގޮތް މިއަދު. އިރާދަ ކުރެއްވިއްޔާ ދެން މެޗެއް ރަނގަޅުވާނެ. ވަކި އުނދަގޫތަކެއްނެތް ފާހަގަ ކޮށްލަން. އެކަމަކު މެދުން ނުކުޅެވި ދިޔަތަން ފެނިގެން ދިޔަ. އެބައިބައި ރަނގަޅު ކޮށްލާނީ. އިރާދަ ކުރެއްވިއްޔާ ސެމީ ފައިނަލް ކުޅުމުގެ ފުރުސަތު ލިބޭނެ ކަމަށް ޤަބޫލު ކުރަނީ. " ނަސީމް ބުންޏެވެ.
މިމެޗުން ފޭދޫ ޓީމު މޮޅުވުމާއި އެކު ގްރޫޕް ބީ ގައި 3 ޕޮއިންޓު ހޯދި ފުރަތަމަ ޓީމަށް އެޓީމު ވަނީ ވެގެންގޮސްފައެވެ. މިމުބާރާތުގައި މިއަދު ކުޅޭނީ، ގްރޫޕް އޭގެ އެފްސީ ޒެފިއަރ އާއި ފާހި ސްޕޯޓްސްއެވެ.