ޚަބަރު

އާއިލާއާއެކު ރަށަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެނީ


ކޯވިޑް-19 ގެ މި ދަނޑިވަޅުގައި މާލޭގައި އުޅެން ދަތިވާ ފަރާތްތަކުގެ ތެރެއިން އާއިލާއާއެކު ރަށަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ ވިދާޅުވީ ކޯވިޑް-19 ގެ މިހާލަތުގައި ދަރިންނާއެކު މާލޭގައި ދިރިއުޅެމުން އަންނަ އާއިލާތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް ދަތިތައް ކުރިމަތިވަމުން އަންނައިރު މިހާލަތުގައި އަމިއްލަ ރަށައް ނުވަތަ އެހެން ރަށަކަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް އެ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށެވެ. އެގޮތުން އެހީއަށް ބޭނުންވާ ފަރާތްތަކުން 1421 މެދުވެރިކޮށް އެހީއަށް އެދުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ޖެންޑަރ މިނިސްޓްރީން އަންނަނީ ކޯވިޑް-19 ގެ މިހާލަތުގައި ދަތިތަކާ ކުރިމަތިލާ ފަރާތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން މާލޭގައި މަގުމަތިވެފައި ތިބި މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި މަސްތުވާ ތަކެތި ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ ފަރުވާ ފޯރުވައިދިނުމުގައިވެސް ގެންދަނީ އެހީތެރިވަމުންނެވެ.

އަދި ކޯވިޑް-19ގެ ސަބަބުން ޢިއުލާންކުރި ފުރަބަންދުގެ ސަބަބުން އެކި ސަބަބުތަކަށްޓަކާ މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި މީހުންނާއި ވަޒީފާ ގެއްލުމާއި އެނޫންވެސް ސަބަބުތަކާހެދި ކުލި ދެއްކޭނެ ގޮތެއް ނެތި މަގުމަތިވި އެތައް ބަޔަކަށް ޖެންޑަރ މިނިސްޓްރީން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި އެފަދަ ހާލަތްތައް މެދުވެރިވެފައިވާ މީހުންނަށް ކަމާއި ގުޅުންހުރި ފަރާތްތަކާއި ގުޅިގެން އެފަރާތްތަކަށް އެހީތެރިކަން ފޯރުވައިދިނުމުގެ މަސައްކަތް އެ މިނިސްޓްރީން ގެންދަވަނީ ކުރައްވަމުންނެވެ. މީގެ އިތުރުން އަމިއްލަ ރަށަށް ގޮސް ކަރަންޓީން ވާނެ ތަނެއް ނެތް ފަރާތްތަކަށް އެކަން ހަމަޖައްސާ މާލީ ގޮތުން އެހީ ބޭނުންވާނަމަ އެކަންވެސް ކުރައްވާނެކަމަށް ޖެންޑަރ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19 އާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްރަށުގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް، އެ ފަރާތްތަކަށް ކެއަރ ޕެކޭޖު ފޮނުވުމުގެ މަސައްކަތްވެސް ޖެންޑަރ މިނިސްޓްރީން ގެންދަނީ ކުރަމުންނެވެ.