ޚަބަރު

ފުވައްމުލަކު ހޮސްޕިޓަލުގައި ކޯވިޑަށް ޓެސްޓުކުރަން ފަށައިފި


ފުވައްމުލަކު ހޮސްޕިޓަކުގައި ކޯވިޑްއަށް ޓެސްޓުކުރަން ފަށައިފިއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން މަޢުލޫމާތު ދޭގޮތުގައި އެރަށުގައި ފުރަތަމަ ޓެސްޓުކުރަން ފަށާފައިވަނީ ކުއްލި ޙާލަތްތަކާ ގުޅިގެން ނަގާ ސާމްޕަލްތަކެވެ. އެގޮތުން ހޮސްޕިޓަލްގައި މިވަގުތު ޓެސްޓުކުރާނީ ބަލީގެ އަލާމާތްތައް ފެނުމުގެ ސަބަބުން ނަގާ ސާމްޕަލްތަކާ، ޑޮކްޓަރުން ލަފާދޭ މީހުންގެ ސާމްޕަލްތައްކަމަށް އެހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރ ހެލްތް ސަރވިސް އަޙުމަދު ސަޢީދު ވިދާޅުވީ މިހާތަނަށް މިފަދަ 8 ސާމްޕަލް ޓެސްޓުކޮށްފައިވާކަމަށެވެ.

"ދާދިފަހުން ރަށުން ޕޮޒިޓިވް ކޭސްއެއް ފެނިފައި މިވަނީ. މި މީހާޔާ އެއްކޮށް ދަތުރުކުރި މީހުން އެބަތިބި. ބައެއް މީހުންގެ އަލާމާތްތަކެއް ހުރުމުގެ ސަބަބުން އަރޖެންޓްކޮށް ޓެސްޓުހެދީ. އެންމެންވެސް ނެގެޓިވް." ސައީދު ވިދާޅުވިއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން މަޢުލޫމާތުދޭ ގޮތުގައި ސާމްޕަލް ޓެސްޓުކުރި މިހުންނަށް މިހާރު ވަނީ ނަތީޖާވެސް ފޮނުވާފައެވެ.

ފުވައްމުލަކު ހޮސްޕިޓަލްގައި ބަހައްޓާފައިވާ ޖީން އެކްސްޕަރޓް މެޝިން ބޭނުންކޮށްގެން އެއް ފަހަރާ ޓެސްޓުކުރެވެނީ 4 ސާމްޕަލްއެވެ. މި ސާމްޕަލްތަކުގެ ނަތީޖާ ލިބުމަށް 2 ގަޑިއިރު ހޭދަވެއެވެ.

ސަޢީދު ވިދާޅުވީ ކަރަންޓީން މުއްދަތު ހަމަވުމުން ނަގާ ސާމްޕަލް މިހާރުވެސް ޓެސްޓުކުރަމުންދާނީ ކުރިއެކޭ އެއްގޮތަށް މާލެއަށް ފޮނުވައިގެން ނޫނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ފޮނުވައިގެންކަމަށެވެ. ފުވައްމުލަކު ހޮސްޕިޓަލްގައި ކޯވިޑަށް ފަރުވާދިނުމަށް 3 އެނދުގެ އައިސީޔޫއެއް ވަނީ ހަދާފައެވެ. ބަލީގައި ޙާލު ދެރަވާ މީހުންނަށް ޚާއްސަކޮށްގެން ހަދާފައިވާ މި އައިސީޔޫއިން، މިހާތަނަށް އެއްވެސް މީހަކު ފަރުވާ ހޯދާފައެއް ނުވެއެވެ.

ފުވައްމުލަކަކީ ހޯމް ކަރަންޓީންއަށް އެވަރެޖްކޮށް ދުވާލަކު 30 މީހުން ދާ ރަށެކެވެ. މިހާތަނަށް ހޯމް ކަރަންޓީންއަށްދިޔަ މީހުންގެ ތެރެއިން ކޯވިޑްއަށް ޕޮޒިޓިވްވެފައިވަނީ 5 މީހުންނެވެ.