ޚަބަރު

ކޯވިޑް-19 : ފުވައްމުލަކުން ޕޮޒިޓިވްވި 2 މީހުން ކޯވިޑް ފެސިލިޓީއަށް ބަދަލުކޮށްފި


ފުވައްމުލައް ސިޓީން އެންމެފަހުން ކޯވިޑް-19އަށް ޕޮޒިޓިވްވި ދެމީހުން ފުވައްމުލައް ހޮސްޕިޓަލުގެ ކޯވިޑް ފެސިލިޓީއަށް ބަދަލުކޮށްފިއެވެ. މިއީ "ހައި ރިސްކް" ކެޓަގަރީގެ 2 މީހުންނެވެ.

ފުވައްމުލައް ސިޓީން އިތުރު 2 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްކަން ހާމަވީ ރޭގެ ވަގުތެއްގައެވެ. އެއީ އެސިޓީގައި ހޯމް ކަރަންޓީނުގައި 10 ދުވަހު ތިބުމަށްފަހު މުއްދަތު ފުރިހަމަކޮށް މިދިޔަ ބުރާސްފަތި ދުވަހު ނެގި ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވި ދެ މީހުންނެވެ.

ފުވައްމުލައް ހޮސްޕިޓަލުން ވިދާޅުވެފައިވަނީ ރޭ 11:30 ހާއިރު، އެ ދެ މީހުން އެހޮސްޕިޓަލުގައި ޤާއިމުކޮށްފައިވާ ކޯވިޑް ފެސިލިޓީއަށް ބަދަލުކޮށްފައިވާކަމަށެވެ. އެއީ ޢުމުރުން 70 އަހަރުގެ ފިރިހިނެކާއި ޢުމުރުން 61 އަހަރުގެ އަންހެނެކެވެ. ފުވައްލައް ސިޓީގައި މިފަދަ ބަލިމީހުންނަށް ފަރުވާ ދިނުމުގެ ކަންކަން ހިނގަމުންދާނީ އެ ސިޓީގެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ކޯވިޑް-19އިގެ ބަލިމީހުންނަށް ފަރުވާ ދިނުމަށް މާލޭގެ އައިޖީއެމްއެޗްގައި ހަރަކާތްތެރިވާ "ކްލިނިކަލް މެޑިކަލް އެޑްވައިޒަރީ ޓީމު" ގުޅިގެންނެވެ.

އިތުރު ދެ މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން ފުވައްމުލަކުގެ ހޮސްޕިޓަލާއި އެސީޓީގެ އެހެނިހެން ތަންތަނުގައިވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ.

ހޮސްޕިޓަލުން ވިދާޅުވީ މިވަގުތު އެހޮސްޕިޓަލުގެ ކޯވިޑް އައި.ސީ.ޔޫގައި ބަލިމީހުން އެޑްމިޓް ކޮށްފައިވާތީ، ޕިޒިއޮތެރަޕީގެ ޚިދުމަތް ހޯއްދަން ދާމީހުން ވަދެނިކުތުމުގައި ބޭނުންކުރާނީ ފިޒިއޮތެރަޕީ ޔުނިޓުގެ ނަންބޯޑު ކައިރީގައި ހުރި ދޮރުކަމަށެވެ. ކުރިން ބޭނުންކުރަމުން އައި ދޮރު މިހާރުވާނީ ޢާއްމުންނަށް ވަގުތީގޮތުން ބަންދުކޮށްފައެވެ. ފުވައްމުލައް ސިޓީ ހޮސްޕިޓަލުގައި ކޯވިޑް އައިސީޔޫގައި ފަރުވާދެމުން މިދަނީ އަދި މުޅިން އަލަށެވެ.

ކޯވިޑް-19އިގެ ބަލިމަޑުކަމުން ރައްކާތެރިވުމުގައި މިހާރަށްވުރެ އިތުރަށް ފަރުވާތެރިވުމަށް ފުވައްމުލައް ސިޓީ ހޮސްޕިޓަލުން އެސިޓީގެ ރައްޔިތުންނަށް އިލްތިމާސްކުރައްވައެވެ. އެގޮތުން ގައިދުރުކަން ބަހައްޓުމަށާއި މީހުން އެއްވާ ތަންތަނުގައި އުޅޭއިރު މާސްކް އެޅައިގެން އުޅުމާށާއި ގިނަގިނައިން އަތްދޮވެ، ޢާއްމު ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެހޮސްޕިޓަލުން އިލްތިމާސް ކުރައްވައެވެ.