ރާއްޖޭގެ ޤައުމީ ފެރީ ވިއުގަ ގުޅުވާލުމަށް ކުރިއަށްގެންދާ ހައި ސްޕީޑް ފެރީގެ ޚިދުމަތް ފެށުމަށްޓަކައި އެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ސަރވިސް އެގްރީމަންޓްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ސޮއިކުރެއްވީ ނޭޝަނަލް ޕްލޭނިންގ ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނަރަލް މުޙައްމަދު އިމާދުއެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އޮޕަރޭޝަންސް އޮފިސަރ ޝާހިދު ހުސައިން މޫސާއެވެ.
މިއެއްބަސްވުމުގެ ދަށުން ފުރަތަމަ ފިޔަވަހީގައި ހއ.އަތޮޅާއި ހދ. އާއި ށ. އަތޮޅުގައި އެކަށީގެންވާ ހެޔޮ އަގެއްގައި ޒަމާނީ ފެންވަރުގެ ހައި ސްޕީޑް ފެރީގެ ޚިދުމަތް އަންނަ ނޮވެމްބަރުގައި ފަށާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ. އެމިނިސްޓްރީން ވިދާޅުވީ ފުރަތަމަ ފިޔަވަހީގެ 157 މިލިޔަން ރުފިޔާގެ އިންވެސްޓްމަންޓްގެ ތެރެއިން 52 މިލިޔަން ރުފިޔާއަކީ މިމަސައްކަތް ފެށުމުގެ ގޮތުން ސަރުކާރުން އިންވެސްޓްކުރުމަށް އެއްބަސްވެފައިވާ އަދަދުކަމަށެވެ.
ހަ ޒޯނަކަށް ބަހާލައިގެން ރާއްޖޭގެ ޤައުމީ ފެރީ ވިއުގަ ޤާއިމުކުރުމުގެ ފްރޭމްފޯކް އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާއެކު ސޮއިކުރީ މިދިޔަމަހުގެ 17 ވަނަ ދުވަހުއެވެ. އަދި މިހާރު އެމްޓީސީސީން އަންނަނީ ހައި ސްޕީޑް ފެރީގެ ޚިދުމަތަށް ބޭނުންވާ އުޅަނދުތައް ތައްޔާރުކޮށްދޭނެ ފަރާތްތައް ހޯދަމުންނެވެ.
ޒޯން 1ގެ ޚިދުމަތަށް 17 ހައިސްޕީޑް ފެރީ އުޅަނދު ބޭނުންވާއިރު މިއިން ކޮންމެ އުޅަނދަކީ 50 ފަސިންޖަރުންނާއި 4 ކްރޫއާއި، 2 ފުރޮޅުލީ ގޮނޑިއާއި ބަލިމީހުން އުފުލާ ސްޓްރެޗަރއެއް ބެހެއްޓޭނެ ޖާގައިގެ އުޅަނދު ތަކެކެވެ. މި އުޅަނދުތަކުގައި ކޮންމެ ފަސިންޖަރަކަށް 20 ކިލޯގެ ލަގެޖު އުފުލޭއިރު ޖާގަ ތަނަވަސްވާނެގޮތަށް ގޮނޑިޖެހުމާއި ފުރޮޅުލީ ގޮނޑީގައި ފަސޭހައިން ފެރީއަށް އެރޭގޮތަށް މި ފެރީތައް ފަރުމާ ކުރުމަށް ވަނީ ނިންމާފައެވެ.
ހައިސްޕީޑް ފެރީ، ހަފްތާގެ 7 ދުވަހު ދަތުރު ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މިޚިދުމަތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާނެކަމަށާ، މިޚިދުމަތަކީ އެންމެ މަތީ ނިޒާމްގައި ދެވޭ ޚިދުމަތެއްގެ ގޮތުގައި ހަދާނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
މި ޚިދުމަތް ދިނުމުގައި 3 ރޫޓަކަށް ދަތުރުކުރާނެއެވެ. އެއީ ކައިރި ރަށްތަކަށް ކުރާ ދަތުރުތަކާއި، ދުރު ރަށްރަށަށް ބާއްވާ ނޮންކޮމިއުޓަރ ލިންކާއި، އެއްޒޯނުން އަނެއް ޒޯނަށް ދަތުރުކުރާ ހައިވޭ ލިންކެވެ.
އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް ތަޢާރަފުކުރުމުގެ އެއް މަޤްޞަދަކީ ރާއްޖޭގެ ބައިބައިވެފައިވާ އާބާދީތަކަށް ފަސޭހަކަމާއި، ރައްކާތެރިކަމާއެކު އެކަށީގެންވާ ހެޔޮ އަގެއްގައި ދަތުރުކުރެވޭނެ ފުރިހަމަ ފެރީގެ ނިޒާމަކުން ގުޅުވައިލުމެވެ.