ޚަބަރު

ނާޒިމް ވަކިކުރީ ނާޒިމްގެ ގެއިން ހަތިޔާރު ފެނިގެނެއް ނޫން - ރައީސް


ކުރީގެ ޑިފެންސް
މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމް މަޤާމުން ވަކިކުރައްވަން ޖެހިވަޑައިގެންނެވީ
އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާއާ
ކޮންފްރޮންޓްކުރެއްވުމަށް ސިފައިންގެ އިސްއޮފިސަރުންތަކެއް ގާތުވިދާޅުވުމުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.



ކުރީގެ ޑިފެންސް
މިނިސްޓަރު ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމްގެ ގެއިން ހަނގުރާމަވެރި ހަތިޔާރުފެނި އެމަނިކުފާނުގެ މައްޗަށް
އިއްވުނު ހުކުމުގެ މައްޗަށް އިޝާރާތްކުރައްވާ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން
ވިދާޅުވީ މިކަމަކީ ސިޔާސީ ގޮތުން ކުރެވިގެންދިޔަ ކަމެއްނޫންކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ
ވިދާޅުވީ ފިސްތޯލަޔާ ގޮވާތަކެއްޗަކީ އެގޭގައި ހުރި ތަކެތިކަމަށާ އެހެންކަމުން
ނާޒިމްއަށް ޖެހިވަޑައިގަންނަވާނީ ކޯޓްގައި އެއީ ނާޒިމްގެ ތަކެތި ނޫންކަމަށާ
އެތަކެތި އެގެއަށް ވަނީ ކިހިނެއްކަން ސާބިތުކޮށްދޭންކަމަށެވެ. ނަމަވެސް ފުލުހުން އެގެ ރެއިޑްކުރިއިރު އެތަކެތި
ފެނުމުން ދެން ރައީސުލްޖުމްހޫރިއްޔާއަށް އެކަން ތަހްޤީޤުނުކޮށް ދޫކޮށްލުމުގެ
އިހުތިޔާރު ޤާނޫނީގޮތުން ނޯންނާނެކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި މިމައްސަލަ ދިމާވުމުން ނާޒިމް ކުރެއްވި
ޝަކުވާތަކާގުޅިގެން ނާޒިމްގެ ގެ ރެއިޑްކުރި ފުލުހުންނާއި ސިފައިންގެ އޮފިސަރުންނާ
ޚުދު ރައީސުލްޖުމްހޫރިއްޔާ ސުވާލުކުރައްވާ އެކަން ހިނގާދިޔަގޮތުގެ
މައުލޫމާތު ހޯއްދެވިކަމަށެވެ.



ރައީސުލްޖުމްހޫރިއްޔާ
މިގޮތަށް ކަންތައްކުރެއްވި ނަމަވެސް ނާޒިމް މިމައްސަލައިގައި އަމަލުކުރެއްވީ
ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު އޮންނަ ވަޒީރަކު އަމަލުކުރައްވަންވާނެ ގޮތަކަށް
ނޫންކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ. ހަނގުރާމަވެރި ހަތިޔާރެއް ރާއްޖެއެތެރެކޮށް
ގެންގުޅުނުކަމުގެ ކުށްސާބިތުވެ ކުރީގެ
ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް ގެންދަވަނީ އެގާރަ
އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުންނެވެ.