ދުނިޔެ

އެސްޓްރަޒެނެކާ އަދި ފައިޒާގެ ވެކްސިންގެ ޑޯޒް އެއްކޮށްގެން ތަހުލީލެއް ކުރަނީ


އެސްޓްރަޒެނެކާއާއި ފައިޒާއިން ކޯވިޑާއި ދެކޮޅަށް އުފައްދާފައިވާ ދެ ވެކްސިން އެކުގައި ދެވިދާނެތޯ ދިރާސާކުރުމަށް އިނގިރޭސިވިލާތުގައި ތަހުލީލުތައް ފަށައިފިއެވެ.

އިނގިރޭސިވިލާތުގެ ޑިޕާޓްމަންޓް އޮފް ހެލްތު އެންޑް ސޯޝަލް ކެއާއިން ބުނީ ހަތް މިލިއަން ބްރިޓިޝް ޕައުންޑު ހޭދަކޮށްގެން 13 މަސް ދުވަހުގެ މުއްދަތަށް ކުރާ އެ ދިރާސާގެ ބައިވެރިންނަށް ތަފާތު ދެ ވެކްސިނެއްގެ ދެ ޑޯޒް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. ތޭރަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ދިރާސާއިގައި ތަފާތު ދެ ވެކްސިން ދިނުމުން ކޯވިޑާއި ދެކޮޅަށް ހަށިގަނޑުގައި އުފެދޭ ދިފާޢީ ބާރު ސައިންސްވެރިން ގާތުން ބަލާނެއެވެ.

މި ދިރާސާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެ ގޮތަކަށެވެ. ފުރަތަމަ ގޮތަކީ ފައިޒާގެ ވެކްސިން ގެ ފުރަތަމަ ޑޯޒް ދިނުމަށްފަހު އޭގެ ހަތަރު ހަފުތާއާއި 12 ހަފުތާއާއި ދެމެދުގެ މުއްދަތެއްގައި އެސްޓްރަޒެނެކާގެ ވެކްސިންގެ ބޫސްޓަރެއް ދިނުމެވެ. ދެވަނަ ގޮތަކީ ފުރަތަމަ އެސްޓްރަޒެނެކާގެ ޑޯޒެއް ދިނުމަށްފަހު ފަހުން ފައިޒާގެ ބޫސްޓަރެއް ދިނުމެވެ.

އިނގިރޭސިވިލާތުން ފަށާފައިވާ އައު ދިރާސާތައް ކުރިއަށްދަނީ އެ ޤައުމުގެ ނޭޝަނަލް އިމިއުނައިޒޭޝަން ޝެޑިއުލް އިވެލުއޭޝަން ކޮންސޯޓިއަމްގެ ބެލުމުގެ ދަށުންނެވެ. އިނގިރޭސިވިލާތުގެ އެކި ސަރަޙައްދުތަކުގައި ހުރި 8 މަރުކަޒެއްގައި ދިރާސާގެ މަސައްކަތްތައްދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ލަންޑަނުގައި ހުރި ދެ މަރުކަޒަކާއި ލިވަޕޫލްއާއި އޮކްސްފޯޑުގައި ހުރި މަރުކަޒެއް ހިމެނެއެވެ.

ވެކްސިން ދިނުމުގައި އިނގިރޭސިވިލާތުން މިހާރު ޢަމަލުކުރަމުންދާ ގޮތަކީ ފައިޒާގެ ވެކްސިން ނުވަތަ އެސްޓްރަޒެނެކާގެ ވެކްސިން ތެރެއިން ކޮންމެ ވެކްސިނެއްގެވެސް ދެ ޑޯޒް އެ ވެކްސިނެއް ޖަހާ މީހުންނަށް ދިނުމެވެ. ދެ ޑޯޒްގެ ދެމެދުގައި ބާރަ ހަފުތާގެ މުއްދަތެއް ބަހައްޓައެވެ.

ފައިޒާގެ ވެކްސިން ތައްޔާރުކޮށްފައިވަނީ އެމްއާރުއެންއޭ ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ. އޭގެ ބަދަލުގައި އެސްޓްރަޒެކާގެ ވެކްސިންގައި ބޭނުންކުރަނީ އެޑެނޯވައިރަސް ވައިރަލް ވެކްޓާއެކެވެ. އެމްއާރުއެންއޭ ޓެކްނޮލޮޖީއިން މެދުވެރިއެއް ބޭނުންކޮށްގެން ހަށިގަނޑުން ދިފާޢީ މަސައްކަތްކުރުމަށް އިރުޝާދު ދޭއިރު އެޑެނޯވައިރަސް ވައިރަލް ވެކްޓާއިން ހަށިގަނޑުގައި އެންޓިބޮޑީ އުފެއްދުމަށް އިރުޝާދުދޭ ވައިރަލް އެންޓިޖެންއެއް ހޯސްޓު ސެލް ތެރެއަށް ފޮނުވައެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ބުނީ ދިރާސާ ކުރިއަށް ގެންދިޔުމަށް އެ ޤައުމުގެ ރިސާޗް އެތިކްސް ކޮމިޓީ އަދި މެޑިސިންސް އެންޑް ހެލްތުކެއާ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އޭޖެންސީގެ ޙުއްދަ ލިބިފައިވާކަމަށެވެ. އެ ދިރާސާގައި 800އަށްވުރެ ގިނަ މީހުން ބައިވެރިވާނެކަމަށް އިނގިރޭސިވިލާތުން ބުނެއެވެ.