ޚަބަރު

ކޯވިޑްގެ 4،000 ވައްތަރެއް ދުނިޔޭގައި ދަނީ ފެތުރެމުން


ކޯވިޑް ޖައްސާ ވައިރަހުގެ 4،000 ވައްތަރެއްގައި ދުނިޔޭގައި މިހާރު ދައުރުވަމުން އެބަ ދާކަމަށާއި އޭގެ ސަބަބުން ބައްޔާއި ދެކޮޅަށް އުފައްދާފައިވާ ވެކްސިންތައް އިތުރަށް ތަރައްޤީކުރަންޖެހޭކަމަށް އިނގިރޭސިވިލާތުން ބުނެފިއެވެ.

އިނގިރޭސިވިލާތިގެ ވެކްސިން ޑިޕްލޯއިމަންޓު ވަޒީރު، ނަދީމް ޒަހާވީ ވިދާޅުވީ މިހާރު އުފައްދާފައިވާ ވެކްސިންތަކަށް ވައިރަހުގެ އައު ވައްތަރުތައް ނުގުޑުމަކީ އެކަށީގެންވާކަމެއް ނޫންކަމަށެވެ. ނަމަވެސް ފައިޒާ-ބަޔޯއެންޓެކު، މޮޑާނާ އަދި އޮކްސްފޯޑު-އެސްޓްރަޒެނެކާ ހިމެނޭގޮތަށް ވެކްސިން އުފައްދާ ކުންފުނިންތަކުން އެ ކުންފުނިތަކުން އުފައްދާފައިވާ ވެކްސިންތައް އިތުރަށް ވަރުގަދަކުރެވޭނެ ގޮތްތައް ދިރާސާކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ދުރާލާ ތައްޔާރުވެ ތިބުމުން ވައިރަހުގެ ކޮންމެ ވައްތަރަކާއި ދެކޮޅަށްވެސް ދިފާޢުއެއް އޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

ބަދަލުތައް އައިސްފައިވާ ކޯވިޑްގެ އެތައް ހާސް ވައްތަރެއް ދުނިޔޭގައި މިހާރު ދައުރުވަމުންދާއިރު އޭގެ ތެރެއިން މަދު ވައިރަހަކުން ނޫނީ ވައިރަހުގެ ސިފަތަކަށް ބޮޑެތި ބަދަލެއް އަންނާނެކަމަށް ބުނެލެވޭކަމަށް ބްރިޓިޝް މެޑިކަލް ޖާނަލުގައިވަނީ ބުނެފައެވެ.

ވާރުތަވުމުގެ ބާރުގަދަ ވައިރަހުގެ ވައްތަރެއް އިނގިރޭސިވިލާތުންވެސްވަނީ ފެނިފައެވެ. ވީޔޫއައި-202012/01 ގެ ނަމުން ނަން ދީފައިވާ ވައިރަހުގެ އެ ވައްތަރަށް އައިސްފައިވާ ބަދަލުތަކުގެ ތެރޭގައި އޭގައި ހިމެނޭ 'ސްޕައިކް ޕްރޮޓީން'އަށް އައިސްފައިވާ ބަދަލުތައްވެސް ހިމެނެއެވެ. އޭގެ ސަބަބުން އެ ވައިރަސް ގައިންގަޔަށް އެރުމަށް ފަސޭހަވެއެވެ.

ޒަހާވީ ވިދާޅުވީ އިނގިރޭސިވިލާތުގެ ޖީނޯމް ސިކުއެންސިންގެ ދާއިރާއަކީ ދުނިޔޭގެ އެންމެ ބޮޑު އެފަދަ ދާއިރާކަމަށެވެ. ޖީނޯމް ސިކުއެންސިންގެ ދާއިރާގެ 50 އިންސައްތަ ޙިއްޞާކުރަނީ އިނގިރޭސިވިލާތުންކަން ފާހަގަކުރައްވަމުން ޒަހާވީ ވިދާޅުވީ ވައިރަހުގެ ހުރިހާ ވޭރިއަންޓުތަކުގެ މަޢުލޫމާތު އެ ޤައުމުގައި އެއްކޮށްފައި ހުރިކަމަށާއި އޭގެ ބޭނުކަމީ ކޮންމެ ޙާލަތެއްގައިވެސް އެންމެ ރަނގަޅު ފިޔަވަޅެއް އެޅުމަށް ތައްޔާރަށް ތިބުންކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ވައިރަހުގެ ސަބަބުން ކުރިމަތިވާ ކޮންމެ ގޮންޖެހުމަކަށް އަދި އިތުރު ވެކްސިނެއް ތައްޔާރުކުރަން ޖެހިއްޖެ ޙާލަތަކަށްވެސް ތައްޔާރަށް ތިބުމަކީ އިނގިރޭސިވިލާތުގެ އަމާޒުކަމަށް ޒަހާވީ ވިދާޅުވިއެވެ.

ކޯވިޑް ޖެހިގެން ދުނިޔޭގެ އެކި ސަރަޙައްދުތަކުން މިހާތަނަށް 2.268 މިލިއަނަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. ބައްޔާއި ދެކޮޅަށް ވެކްސިން ދިނުމުގެ މަސައްކަތް އެކި ޤައުމުތަކުގައި ފެށިގެން ދަނީ ކުރިއަށެވެ. އާބާދީގެ ނިސްބަތުން ބަލާނަމަ ވެކްސިން ދިނުމުގައި މިވަގުތު އެންމެ ކުރީގައި އުޅެނީ އިސްރާއީލެވެ. އެއަށްފަހު ދެން އެންމެ ކުރީގައި އުޅެނީ ޔޫއޭއީއާއި އިނގިރޭސިވިލާތާއި ބަހުރައިނާއި އެމެރިކާއެވެ. ދެން އެންމެ ފާހަގަކޮށްލެވެނީ ސްޕެއިނާއި އިޓަލީވިލާތާއި ޖަރުމަނުވިލާތެވެ.

އިނގިރޭސިވިލާތުން މިހާރުވަނީ ފައިޒާއާއި އެސްޓްރަޒެނެކާގެ ވެކްސިންގެ ޑޯޒްތައް އެއްކޮށްލުމުން ނިކުންނަ ނަތީޖާ ތަހުލީލުކުރުމަށް ދިރާސާއެއް ފަށައިފައެވެ. އެ ދިރާސާކުރާ ފަރާތްތަކުން ބުނީ ތަފާތު ދެ ވެކްސިނެއް ޖެހުމުން ވައިރަހާއި ދެކޮޅަށް އުފެދޭ ބާރާއި ގުޅޭގޮތުން މަޢުލޫމާތު އެއްކުރުމުން މިހާރަށްވުރެ ފަސޭހަކަމާއިއެކު ވެކްސިން ދެވޭނެ ގޮތްތަކެއް ހުރިނަމަ އެކަމެއް ސާފުވާނެކަމަށެވެ. އެ ދިރާސާގެ ނަތީޖާތައް ޖޫން މަހުގައި ލިބެން ފަށާނެކަމަށް ބެލެވެއެވެ.

ދެ ވެކްސިން އެއްކޮށް ބޭނުންކުރުމުން ނުކުންނަ ނަތީޖާއާއި ގުޅޭ ދިރާސާގައި ދެގޮތަކަށް ތަހުލީލުކުރާނެއެވެ. ފުރަތަމަ ގޮތަކީ ފައިޒާގެ ވެކްސިން ގެ ފުރަތަމަ ޑޯޒް ދިނުމަށްފަހު އޭގެ ހަތަރު ހަފުތާއާއި 12 ހަފުތާއާއި ދެމެދުގެ މުއްދަތެއްގައި އެސްޓްރަޒެނެކާގެ ވެކްސިންގެ ބޫސްޓަރެއް ދިނުމެވެ. ދެވަނަ ގޮތަކީ ފުރަތަމަ އެސްޓްރަޒެނެކާގެ ޑޯޒެއް ދިނުމަށްފަހު ފަހުން ފައިޒާގެ ބޫސްޓަރެއް ދިނުމެވެ.

ފައިޒާގެ ވެކްސިން ތައްޔާރުކޮށްފައިވަނީ އެމްއާރުއެންއޭ ޓެކުނޮލޮޖީ ބޭނުންކޮށްގެންނެވެ. އަދި އެސްޓްރަޒެނެކާގެ ވެކްސިން ތައްޔާރުކޮށްފައިވަނީ އެޑެނޯވައިރަސް ވައިރަލް ވެކްޓާއެއް ބޭނުންކޮށްގެންނެވެ. ދެ ޑޯޒް ހިމެނޭ އެ ދެ ވެކްސިން މިހާރުވެސްދަނީ އިނގިރޭސިވިލާތުގައި ބޭނުންކުރަމުންނެވެ.