ކުޅިވަރު

އައިޒީ އެކަޑަމީ ގައުމީ ސީނިއަރ ޓީމާއި ގައުމީ ޖުނިއަރ ޓީމްތަކަށް ކުދިން ތައްޔާރުކުރުމުގައި


އައިޒީ އެކަޑަމީގެ އެންމެ ބޮޑު ބޭނުމަކީ ގައުމީ ސީނިއަރ ޓީމާއި ގައުމީ ޖުނިއަރ ޓީމްތަކަށް ކުދިން ތައްޔާރުކުރުންކަމަށް އައިޒީ އެކަޑަމީގެ ފައުންޑަރ މެންބަރު އަދި ކޯޗް މުހައްމަދު އަފްލާހު ވިދާޅުވެއްޖެއެވެ.

ނިމިގެންދިޔަ ދައރުގައި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސްކަންވެސް ކުރައްވާފައިވާ މުހައްމަދު އަފްލާހު ވިދާޅުވީ އައިޒީ ކްރިކެޓް އެކަޑަމީގެ ހަރަކާތްތައް މިދިޔަ އަހަރު ކުރިއަށްގެންދިއުމަށް ނިންމާފައިވީނަމަވެސް މުޅި ދުނިޔެއަށް ކޮވިޑް19ގެ އަސަރުކުރާއެކު އެކަޑަމީގެ ހަރާކާތްތަށް މަޑުޖައްލާން ނިންމީކަމަށެވެ. އަދި ފަހުން ބޯޑަރުތައްވެސް ހުޅުވާ، މާލޭގެ ހާލަތު ރަގަނޅުވުމާއެކު އެޗްޕީއޭއިން ދީފައިވާ ލުއިތަކާއެކު އެކަޑަމީގެ މަސައްކަތްތައް ފެށުމާ ގުޅިގެން މިހާރު ގިނަ ކުދިތަކެއް އެކަޑަމީއަށް ވަދެ ތަމްރީން ހަމަދަމުންދާކަމަށް އަފްލާހު ވިދާޅުވިއެވެ.

އައިޒީ އެކަޑަމީގެ އެންމެ މުހިންމު އެއް މަގްސަދަކީ ރަގަނޅު އަހުލާގާއި މީހުންނަށް އިހުތިރާމްކުރާ ކުދިންތަކެއް މުޖްތަމައަށް ނެރުމުގެ އިތުރުން ގައުމީ ޓީމްތަކަށް ރަގަނޅު ކުޅުންތެރިން އުފެއްދުންކަމަށް އެ އެކަޑަމީން ބުނެއެވެ. މުހައްމަދު އަފްލާހުގެ ރައީސް ކަމުގެ ދައުރުގައިވެސް ކްރިކެޓްގެ ވައިޑީޕީ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށް ވަރަށް ބޮޑު އިސްކަމެއްދީފައިވާއިރު، ޏ.ފުވައްމުލަކާއި ލ.އަތޮޅު ކުނަހަންދޫގައި އަންހެން ކްރިކެޓް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދިޔަކަން ފާހަގަކޮށްލެވެއެވެ. އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)ގައި އޭޝިޔާ ތަމްސީލްކުރާ މެމްބަރަކަށް ދެވަނަ ފަހަރަށްވެސް ހޮވިފައިވާ އަފްލާހު ވިދާޅުވީ އައިޒީ އެކަޑަމީގެ ޕްލޭންއަކީ މީގެ ފަސް އަހަރު ފަހުން އޮންނަ ބައިނަލަގްވާމީ މުބާރާތްތަކަށް ކުދިން ތަމްރީން ކުރުންކަމަށް އަފްލާހު ވިދާޅުވިއެވެ.