ޚަބަރު

ކޯވިޑް ދިފާޢު : މިއަދު 2500 އަށްވުރެ ގިނަ މީހުން ވެކްސިންޖެހި


ވޭތުވެދިޔަ 24ގަޑިއިރު ރާއްޖޭގައި ޖުމްލަ 2575 މީހުންނަށްވަނީ ކޯވިޑް ވެކްސިން ދީފައެވެ. މިއީ މިހާތަނަށް ރާއްޖޭގައި އެއް ދުވަހަށް، އެންމެ ގިނަ އަދަދަކަށް ވެކްސިން ދިން ދުވަހެވެ. މިއާއެކު މިހާތަނަށް ރާއްޖޭގައި ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 6854އަށް އަރާފައެވެ.

ވޭތުވެދިޔަ 24ގަޑިއިރު މާލެ ސަރަޙައްދުން ވެކްސިން ޖެހީ 2015 މީހުންނެވެ. މާލެ ސަރަޙައްދުން ޖުމްލަ 5588މީހުންވަނީ ވެކްސިން ޖަހާފައެވެ.

ވޭތުވެދިޔަ 24ގަޑިއިރު އަތޮޅުތަކުން 500އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވެއެވެ. އަތޮޅުތަކުން 560މީހުންނަށް ވެކްސިން ދީފައިވެއެވެ. މިއާއިއެކު އަތޮޅުތަކުން ވެކްސިން ޖެހި މީހުންގެ އަދަދު 1266އަށް އަރައެވެ.

ރާއްޖޭގައި ކޯވިޑް ދިފާއު ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 1ވަނަ ދުވަހުއެވެ. ވެކްސިން ދިނުމުގެ މަސައްކަތް މާލޭގެ 6ސެންޓަރަކާއި، އަތޮޅުތަކުގެ 14 ސެންޓަރެއްގައިވަނީ ފަށާފައެވެ.

ރާއްޖޭގައި ޖަހަމުންދަނީ އޮކްސްފޯޑާ އެސްޓްރާޒެނެކާ ކުންފުނި ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންއެވެ. ވެކްސިން ފުރަތަމަ ޖަހަންފެށީ ކޯވިޑް-19އިގެ ކަންކަމުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންގެ ގަޔަށެވެ. ނަމަވެސް މިހާރުވަނީ އުމުރުން 55އަހަރުން މަތީގެ މީހުންގެ ގަޔަށްވެސް ވެސްސިން ޖަހަން ފަށާފައެވެ.

ވެކްސިން ޖެހުމަށް ބޭނުންވާ މީހުން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީކުރުމަށްވެސްވަނީ ހުޅުވާލާފައެވެ.

ރާއްޖެއަށް މިހާތަނަށް ގެނެސްފައިވަނީ ކޮވިޝީލްޑް ވެކްސިންގެ 100000 ޑޯޒްއެވެ. ކޮންމެ މީހަކުވެސް ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރަންޖެހެއެވެ. މި ވެކްސިން 50،000މީހުންނަށް ދިނުމަށްވަނީ ހަމަޖެހިފައެވެ. ރާއްޖެއިންދަނީ މުޅި އާބާދީއަށް ބޭނުންވާ ވެކްސިން ހޯދާ، ވެކްސިން ޖެހޭ ހުރިހާ މީހުންނަށް 6 މަސްތެރޭ ވެކްސިން ދީ ނިންމުމަށް މަސައްކަތް ކުރަމުންނެވެ.