އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2020 ގައ،ި ޗެމްޕިއަން ބޭރުމަތި ކަޓުވާލުމަށް ފަހު މެދުވަލު އެފްސީ ތަށްޓާއި ކައިރިއަށް ޖެހިލައިފިއެވެ.
ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މެދުވަލު އެފްސީ އާއި ބޭރުމަތި ޓީމު ބައްދަލު ކުރި މެޗު، މެދުވަލު އެފްސީން ކާމިޔާބު ކުރީ، ޕެނަލްޓީ ޖަހައިގެންނެވެ. މިދެޓީމު ބައްދަލު ކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމަށް ވެސް ޖެހިފައިވަނީ އެންމެ ލަނޑެކެވެ. މެދުވަލު އެފްސީ މެޗުން މޮޅުވީ 4-5 ގެ ނަތީޖާއިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ހިތަދޫއަށް ނިސްބަތްވާ ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. ނަމަވެސް މިހާފުގައި ދެޓީމަށް ވެސް ލިބުނު ފުރުސަތުތައް އެންމެ އެކަށީގެންވާ ގޮތަށް ބޭނުން ކުރެވިފައެއް ނުވެއެވެ. ފުރަތަމަ ހާފު ނިމުނީ 0-0 ގެ ނަތީޖާއަކުންނެވެ.
ދެވަނަ ހާފުގެ ފުރަތަމަ ކޮޅު، ބޭރުމަތި ޓީމުގެ ކުޅުންތެރިއަކު ކުރި ފައުލަކާއި ގުޅިގެން ވަނީ ރަތް ކާޑެއް ދައްކާފައެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗުގެ 53 ވަނަ މިނެޓުގައި މެދުވަލު އެފްސީގެ އިބްރާހީމް ސިރާޖެވެ. މެދުވަލު އެފްސީގެ ލަނޑާއެކު، ބޭރުމަތި ޓީމުން ލަނޑު ޖެހުމަށް އިތުރަށް މަސައްކަތް ކުރަން ފެށިއެވެ. އެޓީމުގެ މަސައްކަތް ކާމިޔާބުވީ އެޓީމުގެ އަހުމަދު ނާޝިދު 64 ވަނަ މިނެޓުގައި ޖެހި ލަނޑާއި އެކުއެވެ. މިހާފު ނިމިގެން ދިޔައީ 1-1 އިން އެއްވަރު ވެގެންނެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން ޕެނަލްޓީ ޖެހިއެވެ. މެދުވަލު އެފްސީ ޕެނަލްޓީ ކާމިޔާބު ކުރީ، ބޭރުމަތީ ޓީމުގެ ފަހު ޕެނަލްޓީ މެދުވަލު އެފްސީގެ ކީޕަރު މަތަ ކުރުމަށްފަހުއެވެ.
މެޗަށް ފަހު މެދުވަލު އެފްސީ ކޯޗު، މުހައްމަދު އުގެއިލް ބުނީ، ކުޅުންތެރިންގެ ޕާފޯމެންސް ރަނގަޅު ކަމަށާއި، ފައިނަލަށް އެޓީމުން ނިކުންނާނީ ކަރަންޓީނުގައި މިވަގުތު ހުރި ކުޅުންތެރިއާއި އިންޖަރީގައި ހުރި ކުޅުންތެރިއާ ގޮވައިގެން ކަމަށެވެ.
މެޗާއި ބެހޭ ގޮތުން ބޭރުމަތި ޓީމުން ވަކި އެއްޗެއް ބުނެފައިނުވެއެވެ.
މިމެޗާއެކު، މިދިޔަ އަހަރުގެ ޗެމްޕިއަން ބޭރުމަތި ކަޓުވާލުމަށްފަހު، މެދުވަލު އެފްސީ މިވަނީ ފައިނަލަށް ގޮސްފައެވެ. ސެމީ ފައިނަލުގެ ދެވަނަ މެޗު މިއަދު ކުޅެން ހަމަ ޖެހިފައިވީ ނަމަވެސް، އައްޑޫ ސިޓީ ހިތަދޫ ކޮވިޑް-19 އިގެ ކޭސްތަކެއް ފެނުމާއެކު، ރަށް މޮނިޓަރިން ހާލަތަށް ލާފައި ވުމުން، މުބާރާތް ވަނީ މެދުކަނޑާލާފައެވެ. އަދި ސެމީފައިނަލުގެ ދެވަނަ މެޗު އޮންނާނެ ދުވަހެއް ފަހުން އިއުލާން ކުރާނެ ކަމަށް މުބާރާތް އިންތިޒާމު ކުރާ ފަރާތުން ވަނީ ބުނެފައެވެ.
ސެމީ ފައިނަލުގެ ފަހު މެޗުގައި ބައްދަލު ކުރާނީ ފާހި ސްޕޯޓްސް ކްލަބާއި، ފޭދޫ ސްޕޯޓްސްއެވެ. މި ދެޓީމަކީވެސް ފޭދޫއަށް ނިސްބަތްވާ ދެޓީމެވެ.