ސިޔާސީ

ނައިބް ރައީސް އަދީބު، ޕީޕީއެމް އިން ވަކިކޮށްފި


ޕްރޮގްރެސިވް
ޕާޓީގެ މެމްބަރުކަމުގެ މަޤާމުންނާއި، ޕާޓީގެ ނައިބް ރައީސް ގެ މަޤާމުން ނައިބް ރައީސް
އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ވިކިކުރައްވައިފިއެވެ.



މިކަމާ
ބެހޭގޮތުން އެޕާޓީން މިރޭ ނެރުނު ނޫސްބަޔާނެއްގައިވާގޮތުން، މިގޮތަށް ނިންމީ،
ޕާޓީގެ އަސާސްތަކާ ހިލާފަށް ޢަމަލުކުރައްވާ، ޕާޓީގެ ވިސްނުމާއި، ފިކުރާއި ދެކޮޅު
ޢަމަލުތަކެއް ހިންގަވާފައިވާކަމަށް ބުނެ އެޕާޓީގެ ސުލޫކީ ކޮމެޓީއަށް ހުށަހެޅުނު
މައްސަލައެއް އެކޮމެޓީން ބެއްލެވުމަށްފަހު ޕާޓީން ވަކިކުރެއްވުމަށް ސުލޫކީ
ކޮމެޓީން ނިންމެވުމާ ގުޅިގެން، މައްސަލައިގެ ބާވަތުން އެމަނިކުފާނު ޕާޓީގެ
މެމްބަރެއްގެ ގޮތުގައާއި، ޕާޓީގެ ނައިބް ރައީސްގެ މަޤާމުގައި އިތުރަށް
ބަހައްޓަވަން ނުފެންނާތީކަމަށް ފާހަގަކޮށްފައިވެއެވެ. އަދި، މިފިޔަވަޅު މިއެޅީ، ޕާޓީގެ
އަސާސީ ޤަވާޢިދުގެ 19 އަދި 20 ވަނަ މާއްދާއަށް ރިޢާއަތްކުރައްވާ، ޕާޓީގެ ސުލޫކީ
މައްސަލަތަކާ ބެހޭ ޤަވާޢިދުގެ 15 ވަނަ މާއްދާގެ (ހ) ގެ 7 ނަމްބަރުގައިވާގޮތުގެ
މަތިންކަމަށްވެސް ޕީޕީއެމްއިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.



މީގެ
އިތުރުން ޕާޓީގެ އިންތިޚާބު ކޮމެޓީގެ މެމްބަރެއްގެ ގޮތުގައި، ހުންނެވި ޕާޓީގެ
މެމްބަރު ޢަލީ ޝާހިދުގެ ޢަމަލުތައް، ޕާޓީގެ އަސާސްތަކާ ޚިލާފަށް ހުރުމާާއި، ޕާޓީގެ
ވިސްނުމާއި، ފިކުރާއި ދެކޮޅު ޢަމަލުތަކެއް ހިންގާފައިވާކަމަށް ޕާޓީގެ ސުލޫކީ
ކޮމެޓީއަށް ފާހަގަ ކުރެވޭތީވެ، އޭނާވެސް ވަނީ ޕާޓީއިން ވަކިކޮށްފައެވެ.



ނައިބް ރައީސް އަދީބު ޕީޕީއެމްގެ މެމްބަރު
ކަމުންނާއި، އެޕާޓީގެ ނާއިބު ރައީސްގެ މަޤާމުން މި ވަކިކުރެވުނީ، ރިޔާސީ ލޯންޗް
ކޮޅުގައި ރައީސުލް ޖުމްހޫރިއްޔާއަށް އަމާޒުކޮށް އެއްޗެއް ގޮއްވާލައިގެން ދިން
ހަމަލާގެ ތަހްގީގަށް ކޯޓް އަމުރުގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް
ގެންދެވިފައިވަނިކޮށެވެ.