 
					
									
			މާލޭގެ އިތުރު މަގެއް ވެހިކަލްތައް ނުދުއްވާ މަގެއްގެ ގޮތުގައި ހަމަޖެއްސުމުގެ މަސައްކަތްކުރަމުންދާކަމަށް ހައުސިންގ މިނިސްޓަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
 
ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ ވެހިކަލް ނުދުއްވާ ހިނގާފައި އުޅޭ މަގުތަކެއްގެ ގޮތުގައި ބައެއް ސަރަޙައްދުތައް ކަނޑައެޅުމުގެ މަސައްކަތުގެ ދަށުން، މިހާރުވެސް ދެ ސަރަޙައްދެއް އެމިނިސްޓްރީން ބަލަމުންދާކަމަށެވެ. އެގޮތުން އެއް މަގެއް މިގޮތަށް ބަދަލުކުރުމަށް އެމަގުގައި ހުރި ގެތަކުގެ މީހުންގެ އިޒުނަ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް އެއީ ކޮން މަގެއްކަން މިނިސްޓަރ ހާމައެއްނުކުރައްވައެވެ.
 
މިނިސްޓަރ ވިދާޅުވީ މިގޮތަށް ބަދަލުކުރާ ސަރަޙައްދުގައި ޕާކްކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެކަމަށެވެ.
 
ހައުސިންގ މިނިސްޓަރ ޑޮކްޓަރ މުއިއްޒު ވިދާޅުވީ ސަލްޓަން ޕާކާއި، އިސްލާމީ މަރުކަޒު ހިމެނޭ ސަރަޙައްދަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވާކަމަށެވެ. 
 
" އިސްލާމީ މަރުކަޒުގައި ނަމާދުކުރާ ސަރަޙައްދުގައި، އިރުގެ އައްޔަށް ހުޅުވާ ލެއްޕޭ ފަދަ ކުޑަތަކެއް ޖެހުމަށް ވަނީ ހަމަޖެހިފައި. މިމަސައްކަތްކުރުމަށް ކަމާއިބެހޭ ކުންފުންޏާކާއި ގުޅިގެން ފަންނީ މަސައްކަތްތަކެއް މިދަނީ ކުރަމުން. މާލޭގެ ބައެއް ސަރަޙައްދުތަކުގައި ޕާކުތައް ހެދުމުގެ މަސައްކަތުގެ ތެރެއިން ސަލްޓަން ޕާކް ކުޑަކުދިންނަށް ޚާއްސަ ޕާކަކަށް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިދަނީ ކުރަމުން " މުއިއްޒު ވިދާޅުވިއެވެ. 
 
މާލޭގެ ބައެއް ސަރަޙައްދުތަކުގައި ޕާކުތައް ހެދުމުގެ މަސައްކަތުގެ ތެރެއިން މިއަހަރުތެރޭގައި ދެ ޕާކެއްހުޅުވުމަށް ހަމަޖެހިފައިވާކަމަށް ހައުސިންގ މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިގޮތުން ޖުމްހޫރީ ބިނާ ބެހެއްޓުމަށް ހަމަޖެހިފައިވާ، މުއިވެޔޮދޮށު މައިޒާން ނޮވެމްބަރު މަހު ހުޅުވުމަށް ހަމަޖެހިފައިވާކަމަށާއި، އަދި ސައުތް ވެސްޓް ހާބަރގައި މަސީގެ އެހީއާއެކު ހަދާ ކުޑަކުދިންގެ ޕާކްވެސް ނޮވެމްބަރު މަހު ހުޅުވުމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ.
 
މީގެ އިތުރަށްވެެސް ދައުލަތަށް ލިބިފައި ހުރި ބިންތަކުގައި އެކަށީގެންވާ ޕާކްތަކާއި ވެހިކަލްތައް ޕާކްކުރާނެ ތަންތަން އަންނަ އަހަރުގެތެރޭގައި ޤާއިމުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ.