ޚަބަރު

ހުޅުމީދޫއިން ޕޮޒިޓިވްވި މީހަކު އިތުރު ފަރުވާއަށް ހިތަދޫއަށް ފޮނުވާލައިފި


އައްޑޫސިޓީ ހުޅުމީދޫ އެމްޓީސީސީ ސައިޓުން ކޯވިޑްއަށް ޕޮޒިޓިވްވި މީހަކު އިތުރު ފަރުވާއަށް ހިތަދޫއަށް ގެނެސްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ހުޅުމީދޫ ސިއްޙީ މަރުކަޒުގެ މެނޭޖަރ އިބްރާހިމް ދީދީ ވިދާޅުވީ، ޕޮޒިޓިވްވި މީހާ އިތުރު ފަރުވާއަށް ހިތަދޫއަށް ފޮނުވާލީ އޭނާގެ ހާލު ގޯސްވެގެން ނޫންކަމަށާއި ނަމަވެސް އޭނާގެ ހާލަތު ގޯސްވާކަމުގެ މައުލޫމާތު ލިބުމުން ހެލްތު ސެންޓަރުގެ ޑޮކްޓަރަކު ބެލުމަށްފަހުކަމަށެވެ.

އައްޑޫގައި ޕޮޒިޓިވްވާ މީހުން ހިމެނެނީ މައިގަނޑު ދެ ކްލަސްޓަރއެއްގައެވެ. އެއީ ހުޅުމީދޫ އެމްޓީސީސީ ސައިޓު ކްލަސްޓަރ އާއި އައްޑޫގެ ގުޅިފައިވާ ރަށްތަކުން ޕޮޒިޓިވް ކޭސް ފެންނަމުންދާ އޭވިއޭޝަން ކްލަސްޓަރއެވެ. މީގެ ތެރެއިން އިތުރު ފަރުވާ ހިތަދޫއަށް ގެންގޮސްފައި ވަނީ ހުޅުމީދޫ ކްލަސްޓަރގައި ހިމެނޭ ބިދޭސީއެކެވެ.

ކޯވިޑް އަށް ފަރުވާ ދިނުމަށްޓަކައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިނގި އިމާރާތް މިހާރު ވަނީ ހާއްސަ ކުރެވިފައެވެ. އަދި މިތަނުގައި އިންތިޒާމުތައް ފުރިހަމަވެ، ފަރުވާ ދޭން ފެށުމަށް ތައްޔާރަށް ތިބި ކަމަށް އޭއީއެޗްއިން ބުނެއެވެ.

އައްޑޫ ސިޓީގައި މައިގަނޑު ދެ ކްލަސްޓަރއެއްގައި މީހުން ޕޮޒިޓިވް ވަމުންދާއިރު، މިހާތަނަށް ހުޅުމީދޫން ޕޮޒިޓިވް ވެފައިވަނީ 26 މީހުންނެވެ. އަދި ގުޅިފައިވާ ރަށްތަކުގައި ކޭސްތައް ފެންނަމުންދާ އޭވިއޭޝަން ކްލަސްޓަރއިން މިހާތަނަށް 22 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ވިދާޅުވީ މިހާތަނަށް މި ކްލަސްޓަރ އިން 200 އަށްވުރެ ގިނަ ކޮންޓެކްޓްސް ފާހަގަކުރެވިފައިވާކަމަށެވެ.

އައްޑޫގައި ކޯވިޑް ފެތުރޭތީ ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން މިސްކިތްތަކުގައި ޖަމާޢަތް މެދު ކަނޑާލުމާއި، ކެފޭ ރެސްޓޯރެންޓުތަކުން ޑެލިވަރީ ޙިދުމަތް އެކަނި ދިނުމާއި އަދި ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގަން ވަނީ ފަށާފައެވެ. މީގެ އިތުރުން އެއްގެއިން އަނެއް ގެއަށް ދިއުން އަދި ޒަރޫރީ ނޫން ހަލާތްތަކުގައި ބޭރަށް ނުނިކުތުމަށް ވަނީ އަންގާފައެވެ.