ކުޅިވަރު

ކުލަބްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭން މަސައްކަތް ކުރަން: މިނިސްޓަރ މަހްލޫފު


ކުލަބްތަކުގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް ޔޫތު މިނިސްޓްރީން މަސައްކަތް ކުރަމުންދާކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ފުރަތަމަ ޑިވިޝަންގެ ކުލަބްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ލީގް ހުއްޓާލަންޖެހި، ކުލަބުތަކަށް ފަރިތަކުރުންތައް ކުރިއަށް ނުގެންދެވޭތީއެވެ. މިކަމާއި ގުޅިގެން ކުލަބްތަކުންނާއި އެފްއޭއެމުންވެސްވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓްއެއްގައި ވިދާޅުވެފައިވަނީ ކުލަބްތަކުގެ ކަންބޮޑުވުންތަކާއި އެއްވަރަށް މިނިސްޓްރީންވެސް މިކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށާއި ޒުވާނުންގެ މިނިސްޓަރުގެ ހައިސިއްޔަތުން މިނިސްޓަރވެސް މިކަމާއި ވަރަށް ކަންބޮޑުވާކަމަށެވެ. އަދި ލީގް ހުއްޓިފައިއޮތުމާ ގުޅިގެން ކުލަބްތަކަށާއި ކުޅުންތެރިންނަށްވެސް ބޮޑެތި ގެއްލުންތަކެއްވާކަން ގަބޫލްކުރާކަމަށް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވިއެވެ.

މިއަހަރުގެ ސީޒަން ފަށާފައިވަނީވެސް އެޗްޕީއޭއިން ދީފައިވާ ހައްސަ ގައިޑްލައިންތަކާއެކުގައެވެ. އަދި ކުލަބްތަކުގެ ފަރިތަކުރުންތައްވެސް ފަށާފައިވަނީ އެޗްޕީއޭގެ ހާއްސަ ގައިޑްލައިންތަކާއެކުގައެވެ.