އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީން ކޯވިޑް-19 އިގެ އިތުރު ކޭސްތައް ފެންނަމުންދާ ކަމަށް އެ ދެސިޓީގެ ކަމާއިބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.
އެގޮތުން އައްޑޫސިޓީގައި އެކްޓިވް ކޭސްގެ އަދަދު މިހާރު ވަނީ 55 އަށް އަރާފައެވެ. އައްޑޫގައި ކޯވިޑް ދެ ކްލަސްޓަރ ހިމެނޭއިރު، ހުޅުމީދޫ އެމްޓީސީސީ ސައިޓުގެ ކްލަސްޓަރ އިން މިހާތަނަށް 26 މީހުންވަނީ ޕޮޒިޓިވްވެފައެވެ. އަދި ގުޅިފައިވާ ރަށްތަކުގައި ކޭސް ފެންނަމުންދާ އޭވިއޭޝަން ކްލަސްޓަރ އާއި ގުޅުން ހުރި 28 މީހަކު މިހާތަނަށްވަނީ ފާހަގަކުރެވިފައެވެ.
އޭވިއޭޝަން ކްލަސްޓަރ އާއި ގުޅުން ހުރި 310 މީހުން މިހާތަނަށް އައްޑޫ ސިޓީން ފާހަގަ ކުރެވިފައިވާ ކަމަށް އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން މަޢުލޫމާތުދީފައިވެއެވެ. މީގެ އިތުރުން ހުޅުމީދޫ އެމްޓީސީސީ ކްލަސްޓަރ އާއި ގުޅުން ހުރި، އެކަކަށް ހިތަދޫގައި ފަރުވާ ދެމުންދާ ކަމަށްވެސް އެސެންޓަރުން ބުނެއެވެ.
އައްޑޫ ސިޓީގެ އިތުރުން ފުވައްމުލަކުގައިވެސް ކޯވިޑް-19 އިގެ ކޭސްތައް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ފެބްރުއަރީ 7 ވަނަ ދުވަހު އެރަށުން ނެގި 150 ރެންޑަމް ސާމްޕަލްގެ ތެރެއިން 2 ސާމްޕަލް ޕޮޒިޓިވްވި ކަމަށާއި، ނަމަވެސް ފަހުން އޭގެތެރެއިން އެއް ސާމްޕަލް ނެގެޓިވްވެފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން މަޢުލޫމާތުދީފައިވެއެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި، މިހާތަނަށް ކޮންޓެކްޓް ޓްރޭސިންއިން ޕޮޒިޓިވް މީހާ އަކީ ދުބާއީން އައިސް ހޯމް ކަރަންޓީނުގައި ހުރި މީހަކާއި ކޮންޓެކްޓްވި މީހެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެކްލަސްޓަރ އާއި ގުޅުން ހުރި 8 މީހަކު މިހާތަނަށް ޕޮޒިޓިވް ވެފައިވާކަން ފުވައްމުލަކު ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
ދެކުނުގެ ދެ ސިޓީގައި ކޯވިޑް-19 އަށް ޕޮޒިޓިވްވާ މިންވަރު އިތުރު ވެފައިވާ އިރު، މިދެސިޓީގައިވެސް މިކަމާއި ގުޅިގެން ޚާއްސަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އެގޮތުން އައްޑޫގައި ކާފިއު ހިންގުމާއި އެއްގެއިން އަނެއްގެއަށް ދިއުން މަނާކޮށް ޖަމާޢަތުގައި ނަމާދު ކުރުންވެސް ވަނީ މެދުކަނޑާލާފައެވެ.