ޚަބަރު

ކޯވިޑް-19 : ކުރިން ދެއްކި ހިތްވަރު ދައްކައިގެން މިހާލަތުން އަރައިގަނެވޭނެ


ކޯވިޑް 19ގެ ފުރަތަމަ ކޭސް ރާއްޖެއިން ފެނުނީ މިދިޔަ އަހަރުގެ މަރޗްމަހުގެ 7ވަނަ ދުވަހު ރިސޯޓަކުންނެވެ. ރާއްޖޭގައި މިބަލީގެ ބިރުވެރިކަން އިތުރުވެގެންދިޔަކީ ބަލި ޖެހުނު މީހަކާ ގުޅުމެއްނެތް ކޭސްއެއް، އޭޕްރިލް މަހުގެ 15ވަނަ ދުވަހު މާލެއިން ފެނުމާ ގުޅިގެންނެވެ. މިއާއިއެކު އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙަލަތު ދަމަހައްޓާ، މުޅި ރާއްޖެ ލޮކްޑައުންއަކަށް ދިޔައެއެވެ.

ކޯވިޑް19ގެ ބިރުވެރިކަމާއި ރާއްޖެ ކުރިމަތިލީތާ އަހަރަކާ ގާތްވެފައިވާއިރު، މި ބަލިން އަމާން އައްސޭރިއަކަށް ދެވޭނެ ކަމުގެ އުއްމީދުތައް ރާއްޖެއަށް ދެފަހަރެއްގެ މަތިން ފެނުނެވެ. ނަމަވެސް އަނެއްކާވެސް މިވަނީ ބަލީގެ ތިންވަނަ ރާޅާ ދިވެހިރާއްޖެއަށް ކުރިމަތިލާންޖެހިފައެވެ.

ރާއްޖޭގައި އެންމެ ގިނަ ބަޔަކަށް ކޯވިޑް19ޖެހުނީ މިދިޔަ އޮގަސްޓް މަހާއި ސެޕްޓެމްބަރުމަހުއެވެ. އޭރު އެވްރެޖްކޮށް ދުވާލަކު ފެނުނު ކޭސްތައް އުޅުނީ 150އިން މަތީގައެވެ. ނަމަވެސް ދިވެހި ރައްޔިތުންގެ މި ޙާލަތުން އަރައިގަތުމަށް ކުރި ބުރަ މަސައްކަތުގެ ނަތީޖާއަކަށްވީ، ޑިސެމްބަރު މަސް ނިމުނުއިރު ކޭސްތަކުގެ އަދަދު އެއް ނަންބަރުގެ އަދަދުތަކަށް ތިރިކުރެވުމެވެ. ކޭސްތަކުގެ އަދަދު 10އިން ދަށުގައި ހިފެހެއްޓުމެވެ.

މިއީ މަޑުމަޑުން އާއްމު ޙާލަތަށް ރުޖޫޢުއަވެ، ވިޔަފާރިތައްވެސް ހިނގައިގަންނަށް ފެށި ޙާލަތެކެވެ. ކޯވިޑް-19ގެ ފުރަތަމަ ރާޅަކީ އޭގެ ސަބަބުން އަޅުގަނޑުމެންގެ މުޅި ދިރިއުޅުމާ، އިޤްތިޞާދަށް ލިބުނު ހީނަރުކަމާ ކޮންމެ ފަރުދަކުމެ ކުރިމަތިލާންޖެހުނު ބޮޑު ރާޅެކެވެ.

ލޮކްޑައުންއަކަށްގޮސް ގޭގައި ބަންދުވެފައި 2މަސްދުވަހު ތިބީމެވެ. ކުދިކުދި ގެތަކުގައި ދޫނިކޮށްޓެއް ފަދައިން ބަންދުވެފައި، އާއިލާއާއި ރައްޓެހިން ގާތަށް ނުދެވި 2މަސްދުވަސް ހޭދަކުރީ ކެތްތެރިކަމާއެކުއެވެ. ބޭރަށް ނުދެވޭތީ ގެއަށް ބޭނުންވާ ޒަރޫރީ ތަކެތި ހޯދުމުގައިވެސް، އެތައް ވަގުތަކު އިންތިޒާރުގައި ގޭގައި ތިބެންޖެހުނެވެ. ދަރިންގެ ތަޢުލީމު ހުއްޓުމަކަށްއައެވެެ. އެހެންނަމަވެސް ނެޝަނަލް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ދެމުންގެންދިޔަ ހުރިހާ އިރުޝާދުތަކަށް ރައްޔިތުން ދިޔައީ ތަބާވަމުންނެވެ.

ކުދި ވިޔަފާރިތަކުން ފެށިގެން ރާއްޖޭގެ އިޤްތިޞާދު އެންމެ ބޮޑަށް ހިއްސާވާ ފަތުރުވެރިކަމުގެ ވިޔަފާރި މުޅިން ހުއްޓުމަކަށްއައެވެ. ބޯޑަރު ބަންދުކުރުމާގުޅިގެން ދެމަހެއްހާ ދުވަހަށް ވައިގެ ދަތުރުތައް މެދުކެނޑުނެވެ. އާމްދަނީ ހޯދުމަށް ކުރަމުންއައި މަސައްކަތްތައް ހުއްޓި، އަތްމަތި ދަތިވެ އެތައް އާއިލާތަކެއް އުފަން ރަށަށް ބަދަލުވާންޖެހި އެތައް ބައެއްގެ ވަޒީފާ ގެއްލުނެވެ. ދަޢުލަތުން އެހީތެރިކަން ފޯރުކޮށްދޭންޖެހުނު އާއިލާތައްވެސް މަދެއްނޫނެނެވެ. މިއީ ފުރަބަންދުގެ ޙާލަތުގައި އަޅުގަނޑުމެންނަށް ކުރެވުނު ތަޖުރިބާ ކުރުގޮތަކަށެވެ.

ސިއްޙީ ދާއިރާއަށް ކުރިމަތިވި ގޮންޖެހުންތައްވެސް ބޮޑެވެ. ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދިން ކޯވިޑް ބަލިމީހުންގެ އަދަދު އިތުރުވެ ވަސީލަތްތަކާ، އިންސާނީ ވަސީލަތުގެ ދަތިކަން ދިމާވެދާނެކަމުގެ ބިރު ހީވިއެވެ. މިކަންކަން ތަޖުރިބާކުރި ފަރާތްތަކަށް ނޫނީ ކަމުގެ ދަތިކަން އިޙުސާސެއް ނުކުރެވޭނެއެވެ. ނަމަވެސް އޭރު ދިވެހިން ކެތްތެރިވެ ތިބީ އަމާން އައްސޭރިއަކަށް އަވަހަށް ދިއުމަށެވެ.

އެންމެން އެކުގައި ކުރި މަސައްކަތުގެ ނަތީޖާއެއްގޮތުން ބަލި ފެތުރޭ މިންވަރު ކޮންޓްރޯކޮށް ލުއިތައްދޭންފެށީ ޖުލައިމަހުއެވެ. ލުއިތަކާއެކު ކޯވިޑްގެ ދެވަނަ ރާޅަކާ އޮގަސްޓުމަހު ކުރިމަތިލާންޖެހުނެވެ. ނަމަވެސް އެ ހާލަތުންވެސް ދިވެހިން އަރައިގަތީ ދުރުދުރުގައި އެންމެން އެކުގައި ތިބެގެން ކުރި ބުރަ މަސައްކަތުންނެވެ. އެޗްޕީއޭގެ އުސޫލުތަކަކީ މުހިންމުކަމެއްކަމަށް ދެކި، އެއުސޫލުތަކަށް ރައްޔިތުން ދިޔައީ ބޯލަނބަމުންނެވެ.