ޚަބަރު

ކޯވިޑް-19 : އިތުރު 120މީހުން ޕޮޒިޓިވްވެއްޖެ


ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖެއިން އިތުރު 120މީހުން ކޯވިޑް-19 ބައްޔަށް ޕޮޒިޓިވްވެއްޖެއެވެ. މި މުއްދަތުގައި ބަލިން ރަނގަޅުވީ 61މީހުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 އިން ފެށިގެން ހުކުރު ދުވަހުގެ އިރުއޮއްސި 6:00 އާއި ހަމައަށް ރާއްޖެއިން ޕޮޒިޓިވްވި 120މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 99 މީހުންނާއި، އަތޮޅުތަކުގައި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 8 މީހުންނާއި، ރިސޯޓުތަކުން ޕޮޒިޓިވްވި 10މީހުންނެވެ. އަދި ޔޮޓާއި ސަފާރީތައް ހިމެނޭހެން 3 މީހުންވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 17،507 އަށް އަރާފައެވެ. ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 އިން ފެށިގެން ހުކުރު ދުވަހުގެ އިރުއޮއްސި 6:00 އާއި ހަމައަށް ކޯވިޑް-19 ބަލިން ރަނގަޅުވެފައިވަނީ 61 މީހުންނެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 15،142 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2302 މީހުންނެވެ. އަދި މިހާރު މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ޢަދަދަކީ 206އެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 2751 ސާމްޕަލް ވަނީ ނަގާފައެވެ. އަދި މިބަލި ދެނެގަތުމަށް ޖުމްލަ 453895 ސާމްޕަލްވަނީ ނަގާފައެވެ. ރާއްޖެއިން މިހާތަނަށް 56 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 48 ދިވެހިންނާއި، 8 ބިދޭސީންނެވެ.