ދައުލަތުގެ އިދާރާތަކުން ހިންގާ މަޝްރޫޢުތަކުގައި އެރަށަކަށް ނިސްބަތްވާ ބީލަންވެރިންނަށް އިސްކަންދިނުމުގެ އުސޫލެއް ފިނޭންސް މިނިސްޓްރީން އެކުލަވައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމު ކޮށްފައިވާ އުސޫލުގެ ދަށުން، ދައުލަތުގެ އިދާރާތަކުން ހިންގާ މަޝްރޫޢުތައް އެވޯޑްކުރުމުގައި މަޝްރޫޢު ހިންގާ ރަށަކަށް ނިސްބަތްވާ ބީލަންވެރިންނަށް އިސްކަންދޭން ޖެހޭނެއެވެ. އެގޮތުން މަޝްރޫޢު ބީލަމަށް ހުޅުވުމަށްފަހު، ކުރިމަތިލާ ފަރާތްތަކަށް މާކްސް ދީ، އެ މަޝްރޫއަކަށް އެންމެ މަތިން މާކްސް ލިބެނީ އެ ރަށަކަށް ނިސްބަތް ނުވާ ފަރާތެއް ނަމަ، އެ މަޝްރޫއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނައިން މާކްސް ލިބުނު ފަރާތްތަކުގެ ތެރޭގައި އެރަށަށް ނިސްބަތްވާ ވިޔަފާރިއެއް ހުރިތޯ ބަލަންޖެހޭނެއެވެ.
އަދި އެފަދަ ވިޔަފާރިއެއް ނުވަތަ ފަރާތެއް ހުރިކަމުގައި ވާނަމަ، އެންމެ މަތިން މާކްސް ލިބުނު ވިޔަފާރި އާއި އެރަށަށް ނިސްބަތްވާ ވިޔަފާރިއަށް ލިބުނު މާކްސް އާއި ދެމެދު %10 އަށް ވުރެ ބޮޑު ނޫން ފަރަޤެއް ނެތްނަމަ، އެރަށަކަށް ނިސްބަތްވާ ވިޔަފާރިއަކަށް މަޝްރޫޢު އެވޯޑު ކުރަން ޖެހޭނެއެވެ. މިފަދަ ވިޔަފާރިއެއް ނުވަތަ ފަރާތެއް ނެތްނަމަ، އެއަތޮޅަށް ނިސްބަތްވާ ވިޔަފާރިއެއް އެންމެ މަތިން މާކްސް ލިބުނު ފަރާތްތަކުގެ ތެރޭގައި ހިމެނޭތޯ ބަލަންޖެހޭނެކަމަށްވެސް މިއުސޫލުގައިވެއެވެ.
އަދި އެ އަތޮޅަށް ނިސްބަތްވާ ވިޔަފާރިއެއް ހުރިނަމަ، އެންމެ މަތީން މާކްސް ލިބުނު ވިޔަފާރި އާއި އަތޮޅަށް ނިސްބަތްވާ ވިޔަފާރި އާއި ދެމެދު %5 އަށް ވުރެ ބޮޑު ނޫން ފަރަޤެއް ނެތްނަމަ، އެއަތޮޅަށް ނިސްބަތްވާ ފަރާތައް ނުވަތަ ވިޔަފާރިއަށް މަޝްރޫޢު އެވޯޑު ކުރަން ޖެހޭނެއެވެ.
މިއުސޫލުގެ ދަށުން މިއިން އެއްވެސް ގިންތި އަކަށް ފެތޭ ވިޔަފާރިއެއް ކުރިމަތި ލާފައި ނެތް ކަމުގައި ވާނަމަ، އެންމެ މަތިން މާކްސް ލިބުނު ވިޔަފާރިއަކަށް މަޝްރޫއު އެވޯޑު ކުރެވިގެން ދާނެއެވެ. މިއުސޫލުގެ ދަށުން އެރަށަކަށް ނިސްބަތްވާ ވިޔަފާރިއެއް ކަމުގައި ބަލަނީ އެރަށެއްގައި ރެޖިސްޓްރީވެފައި އޮތް ވިޔަފާރިއަކަށެވެ. އަދި އަމިއްލަ ފަރުދެއް ކަމުގައިވާނަމަ، އެ މީހެއްގެ ދާއިމީ އެޑްރެސް އެރަށެއްގައި އޮންނަން ޖެހޭނެއެވެ.
މިއުސޫލުގައިވާ ބަޔާންވެފައިވާ ގޮތުގަައި، އުސޫލުގެ މަޤްސަދަކީ ދިވެހިރާއްޖޭގައި ޤާއިމުވެފައިވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދައުރު ރައްޖޭގެ އިޤްތިޞާދުގައި ފުޅާ ކޮށްދިނުމާއި، އެފަދަ ވިޔަފާރިތަށް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީވުމުގެ ޤާބިލުކަން ފަހިކޮށްދިނުމެވެ. މީގެ އިތުރުން ދައުލަތުގެ އޮފީސްތަކުން ބީލަންތަކަށް ހުޅުވާލާއިރު، ހާމަކަންބޮޑު ހަމަހަމަ އުސޫލެއްގެ ތެރެއިން، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ ބީލަންވެރިންގެ ބައިވެރިވުން އިތުރު ކުރުމަކީވެސް މިއުސޫލުގެ ބޭނުމެކެވެ.
މިއުސޫލުގައި ބުނާގޮތުން ދައުލަތުގެ 5 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ނޫން މަޝްރޫއުތަކަށް ކުރިމަތިލެވޭނީ ދިވެހި ވިޔަފާރިތަކަށެވެ. އަދި 2.5 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ނޫން ވިޔަފާރިތަކަށް ކުރިމަތިލެވޭނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.
މާލީއްޔަތު ޤަވާއިދުގެ ދަށުން އެކުލަވާލާފައިވާ މިއުސޫލުގެ އިތުރުން، އިދާރީ ދައިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އިސްލާހުގެ ތެރެއިން 5 މިލިއަނަށް ވުރެ ބޮޑު ނޫން މަޝްރޫޢުތައް އަތޮޅު ކައުންސިލުން ހިންގުމާއި 15 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ނޫން މަޝްރޫއުތައް ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ހިންގޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.