ޚަބަރު

ކޯވިޑް-19، ދިފާޢު: ޖުމުލަ 38،591 މީހުންނަށް ވެކްސިން ޖަހައިފި


ކޯވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން މިއަދުވެސް ފަސް ހާހަށްވުރެ ގިނަ މީހުންނަށް ޖަހާފައިވާއިރު، ވެކްސިން ޖެހި މީހުންގެ އަދަދު 38،000އަށްވުރެ މައްޗަށް އަރައިފިއެވެ. ރާއްޖޭގައި މިވެކްސިން ޖަހަން ފެށީ މިމަހުގެ ފުރަތަމަދުވަހުއެވެ.

ހެލްތު ޕްރޮޓެކްޝްން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި މާލެއާއި އަތޮޅުތައް ހިމެނޭހެން 5،485މީހުންނަށް ވަނީ ވެކްސިން ޖަހާފައެވެ. އޭގެތެރޭގައި ހިމެނެނީ މާލެސަރަޙައްދުން ވެކްސިން ޖެހި 4،257 މީހުންނާއި، އަތޮޅުތެރޭގައި ވެކްސިންޖެހި 1،129 މީހުންނެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު ވަނީ 38،591އަށް އަރާފައެވެ.

މާލެ ސަރަޙައްދުން މިހާތަނަށް ވެކްސިން ޖަހާފައިވަނީ 31،322މީހުންނެވެ. އަތޮޅުތަކުން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދަކީ 7،170އެވެ. ރިސޯޓްތަކުގައި ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައިވާއިރު، ފުރަތަމަ ދުވަހު ރިޒޯޓްތަކުން މިވަނީ 99 މީހުން ވެކްސިން ޖަހާފައެވެ.

މިހާރު ދެމުންދަނީ އޮކްސްފޯޑާ އެސްޓްރާ ޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންއެވެ. މި ވެކްސިންގެ 100،000ޑޯޒް ރާއްޖެއަށް ހަދިޔާކުރީ އިންޑިއާއިންނެވެ. މިހާރު ރާއްޖޭގައި ޖަހަމުންދާ ކޮވިޝީލްޑް ވެކްސިންގެ އިތުރުން ޗައިނާގެ ސައިނޮފާމްގެ 5000 ވެކްސިން ޑޯޒްވެސް ރާއްޖެއަށްވަނީ ލިބިފައެވެ. ސަރުކާރުގެ އަމާޒަކީ 6 މަސްތެރޭގައި، ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީއަށް ވެކްސިންދީ ނިންމުމެވެ. ވެކްސިން ދިނުމުގެ މަސައްކަތް މާލޭ ސަރަޙައްދުގެ 8 ސެންޓަރަކާއި، އަތޮޅުތަކުގެ 48ސެންޓަރުގައި ދަނީ ޖަހަމުންނެވެ.