ޚަބަރު

ބޭރަށް ކިޔަވަންދާ ދަރިވަރުންނަށް ވެކްސިން ޖަހަން ފަށަނީ


ރާއްޖެއިން ބޭރަށް ކިޔަވަންދާ ދަރިވަރުންނަށް ވެކްސިން ޖެހުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ހެލްތް އެމެޖަންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ. ކޯވިޑްގެ ވެކްސިން ރާއްޖޭގައި ދޭން ފަށާފައިވަނީ މިމަހުގެ 1 ވަނަދުވަހުން ފެށިގެންނެވެ.

އެޗްއީއީސީން ވިދާޅުވީ ރާއްޖެއިން ބޭރަށް އެކި ސްކޮލަރތަކުގައި ކިޔަވަންދާ ދަރިވަރުންނަށް ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެހެންނަމަވެސް އެކަމުގެ ތަފްސީލުތަކެއް އަދި އެ ސެންޓަރަކުން ހާމައެއް ނުކުރައްވައެވެ.

އެޗްއީއޯސީން ވިދާޅުވީ 45 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް މިހާރު ވެކްސިން ޖެހޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާކަމަށެވެ. މީގެއިތުރުން 18 އަހަރާއި 45 އަހަރާއި ދެމުދުގެ އުމުރުފުރައިގެ މީހުންގެ ތެރެއިން ދިގު މުއްދަތަކަށް ބޭސް ބޭނުންކުރަންޖެހޭ މީހުންނަށްވެސް މިހާރު ވެކްސިން ޖެހުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާކަމަށެވެ. ދިގު މުއްދަތަކަށް ބޭސްކުރައްވާ ފަރާތްތަކުން ވެކްސިން ޖަހަން ދާއިރު ބޭސް ސިޓީތައް ގެނައުމަށް އެޗްއީއޯސީން އިލްތިމާސްކުރައްވައެވެ.

ކޯވިޑުން ރައްކާތެރިވުމަށ ްޖަހާ ވެކްސިން މިހާތަނަށް ރާއްޖޭގައި ޖެހި މީހުންގެ އަދަދު ވަނީ 40،000 ގާތްކޮށްފައެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައިވެސް 5485 މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. މާލެ އާއި އަތޮޅުތެރޭގެ ރަށްތަކުގެ އިތުރުން ރިސޯޓްތަކުގައިވެސް ވަނީ ވެކްސިން ދޭން ފަށާފައެވެ. ރިސޯޓްތަކުގައި ވެކްސިން ދޭން އިއްޔެ ފެށިއިރު ފުރަތަމަ ދުވަހުވެސް 99 މީހުންނަށް ވަނީ ވެކްސިން ދީފައެވެ.

ރާއްޖޭގައި ކޯވިޑް ވެކްސިން ދޭން ފަށާފައިވަނީ މިމަހުގެ އެއްވަނަދުވަހުއެވެ. މި ވެކްސިންގެ ދެވަނަ ޑޯޒެއް ދޭން ޖެހޭނީ ފުރަތަމަ ޑޯޒް ދިންތާ ހަތަރު ހަފްތާ ފަހުންނެވެ. އެހެންކަމުން ދެވަނަ ޑޯޒްގެ ވެކްސިންތައް ފަށާނެ ދުވަހެއް ކަނޑައެޅުމުގެ މަސައްކަތް އެޗްއޯއީސީން އަންނަނީ ކުރަމުންނެވެ.