ޚަބަރު

ޓެރަރިޒަމްގެ ގާނޫނު ރައީސުލް ޖުމުހޫރިއްޔާ ތަސްދީގުކުރައްވައިފި


ޓެރަރިޒަމްގެ ގެ ގާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފިއެވެ. އިއްޔެ މަޖިލީހުން ފާސްކުރި މިގާނޫނުގައި ބޮޑެތި އަދަބުތަށް ކަނޑައަޅާފައިވެއެވެ. ޓެރަރިޒަމްގެ ގާނޫނު މިއަދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކޮށްފައިވާއިރު، މި ގާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާ ދުވަހުން ފެށިގެން އަމަލުކުރަންޖެހެއެވެ. ޓެރަރިޒަމްގެ ގާނޫނު ތަސްދީގުކުރުމާ އެކު މިހާރު އަމަލުކުރާ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު އުވޭނެއެވެ.އާ ޓެރަރިޒަމްގެ ގާނޫނުން މަނާކުރާ ކަންކަމުގެ ތެރޭގައި  ދިވެއްސަކު ރާއްޖޭން ބޭރުގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކާއި ރާއްޖޭން ބޭރުގައި ކުރާ ހަނގުރާމަތަކުގައި ބައިވެރިވުމަކީ ކުށެކެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމާއި، ބައިވެރިވުމަށް ރާއްޖެދޫކޮށް ދާން އުޅުމާއި، ރާއްޖެ ދޫކޮށް ދިއުމަކީވެސް ކުށެކެވެ. މިބާވަތުގެ ކުށެއްކޮށްފިނަމަ މިގާނޫނުގެ ދަށުން 17 އަހަރާއި 20 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް މިގާނޫނުގައިވެއެވެ. ޓެރަރިޒަމްގެ ގާނޫނުގައި ދައުލަތަށް ނުވަތަ ސަރުކާރަށް ނޭދެވޭ ނުފޫޒެއް ފޯރުވުމަށް، ނުވަތަ އާންމުންނަށް ބިރު ދެއްކުމަށް ނުވަތަ އާންމުންގެ ބަޔެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް، ނުވަތަ ގާނޫނާ ހިލާފަށް ސިޔާސީ، ދީނީ ނުވަތަ އެހެނިހެން ވެސް ފިކުރެއް ކުރިއަރުވުމުގެ މަގުސަދެއް ހާސިލްކުރަން މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ ހިއްސަކަށް ގެއްލުން ދިނުމާއި، ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުމާއި، މުދަލަށް ގެއްލުން ދިނުމާއި، ފުރާދުއްވާ އެއްޗެހި ހައިޖެކްކުރުމާއި، ސިއްހީ ގޮތުންނާއި ސަލާމަތީ ގޮތުން ނުރައްކާތެރިވާ ފަދަ ހާލަތެއް ކުރިމަތިކުރުވުމާއި، މުހިންމު އުމްރާނީ ވަސީލަތްތަކަށް ގެއްލުން ދިނުން ނުވަތަ ހިދުމަތް މެދުކަނޑުވާލުމަކީ ވެސް ޓެރަރިޒަމްގެ ކުށެކެވެ.އަދި  މިގާނޫނުގެ ދަށުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރުދިނުމަކީ ވެސް ކުށެކެވެ.