ދުނިޔެ

ކޯވިޝީލްޑް ވެކްސިނަށް ޑަބްލިއުއެޗޯގެ ހުއްދަ


އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވަސިޓީއާއި އެސްޓްރަޒެނެކާ ކުންފުނީގެ ފަރާތުން ތައްޔާރުކޮށްފައިވާ ކޯވިޑް ވެކްސިންގެ ފޯމިއުލަރ ބޭނުންކޮށްގެން އުފެއްދި ކޯވިޝީލްޑް ވެކްސިނަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިން ޙުއްދަ ދީފިއެވެ.

ޑަބްލިއުއެޗުއޯގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ ދެކުނު ކޮރެއާގެ އެސްޓްރަޒެނެކާ-އެސްކޭބަޔޯ އަދި އިންޑިޔާގެ ސީރަމް އިންސްޓިޓިއުޓުން ތައްޔާރުކުރާ ކޯވިޑް ވެކްސިން ކުއްލި ޙާލަތުގައި ބޭނުންކުރުމުގެ ޙުއްދަ އެ ޖަމުޢިއްޔާއިން ދީފައިވާކަމަށެވެ.

ޑަބްލިއުއެޗުއޯއިން ބުނީ އެ ޖަމުޢިއްޔާއިން ބެލި ބެލުމުން އެ އިދާރާއިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކަށް އެސްޓްރަޒެނެކާގެ ވެކްސިން ފެތޭކަމަށެވެ. ކުއްލި ޙާލަތުގައި އެސްޓްރަޒެނެކާގެ ވެކްސިން ބޭނުންކުރުމުގެ ޙުއްދަ ޑަބްލިއުއެޗުއޯއިން ދީފައި މިވަނީ އެ ޖަމުޢިއްޔާގެ ސްޓްރެޓީޖިކް އެޑްވައިސަރީ ގުރޫޕް އޮފް އެކްސްޕާޓްސް، ސޭޖުން އެސްޓްރަޒެނެކާގެ ވެކްސިން ބޭނުންކުރާނެގެ ގޮތުގެ ލަފާ މީގެ ދުވަސްކޮޅެއްކުރިން ދީފައި ވަނިކޮށެވެ.

ސޭޖުންވަނީ ދެ ޑޯޒް ހިމެނޭ ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމަށްފަހު ދެވަނަ ޑޯޒް ޖެހުމުގެ ކުރިން 8 ހަފުތާއާއި 12 ހަފުތާއާއި ދެމެދުގެ މުއްދަތެއް މަޑުކުރުމަށް ލަފާދީފައެވެ. އަދި 18 އަހަރުން މަތީގެ ހުރިހާ މީހުންނަށް ހުރިހާ ޤައުމެއްގައިވެސް ވެކްސިން ދެވިދާނެކަމަށް ސޭޖުންވަނީ ބުނެފައެވެ.

އެސްޓްރަޒެނެކާގެ ވެކްސިނަކީ އެހެން ވެކްސިންތަކަށްވުރެ އަގުހެޔޮ ވެކްސިނަކަށް ވެފައި އާދައިގެ ފުރިޖެއްގެ ފިނުހޫނުމިނުގައި ރައްކާކުރެވޭ ވެކްސިނަކަށްވުމުން އެ ވެކްސިނަކީ އެހެން ވެކްސިންތަކަށްވުރެ އެއްތަނުން އަނެއްތަނަށް ގެންދިޔުމަށް ފަސޭހަ ވެކްސިނެކެވެ. ޑަބްލިއުއެޗުއޯއިން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޙުއްދަދީފައިވާ ފައިޒާއާއި ބަޔޯއެންޓެކުގެ ވެކްސިނަކީ ވަރަށް ފިނި މާހައުލެއްގައި ނޫނީ ރައްކާކުރެވޭ ވެކްސިނެއް ނޫނެވެ.

ޑަބްލިއުއެޗުއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޮސް އަދަނަމް ގެބްރިއޭސުސް ވިދާޅުވީ އެހެން ވެކްސިންތަކަށްވުރެ އަގުހެޔޮ އެސްޓްރަޒެނެކާގެ ވެކްސިން ބޭނުންކުރުމުގެ ޙުއްދަ ދިނުމަކީ ހަލުވި ދުވެއްޔެއްގައި ދުނިޔޭގެ ސަރަޙައްދުތަކަށް ވެކްސިން ފޯރުކޮށްދިނުމާއި ގާތަށް އެޅޭ ފިޔަވަޅެއްކަމަށެވެ. ނަމަވެސް ވެކްސިން ތައްޔާރުކުރާ މިންވަރު އިތުރުކުރަންޖެހޭ އޭނާ ވިދާޅުވިއެވެ.

ގެބްރިއޭސުސްވަނީ ކުންފުނިތަކުން ތައްޔާރުކުރާ ވެކްސިންތަކަށް ޙުއްދަ ހޯދުމަށް މުއްސަނދި ޤައުމުތަކުގެ ރެގިއުލޭޓަރުންނަށް ފޮނުވާއިރު ޑަބްލިއުއެޗުއޯއަށްވެސް ވެކްސިންގެ މަޢުލޫމާތު އެކުއެކީގައި ޙިއްޞާކޮށް ޙުއްދައަށް އެދުމަށް ގޮވައިލައްވާފައެވެ.

އެސްޓްރަޒެނެކާގެ ވެކްސިނަށް ޑަބްލިއުއެޗުއޯއިން ޙުއްދަ ދިނުމުން އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ޑަބްލިއުއެޗުއޯއިން އިސްވެ ކުރިއަށް ގެންދާ ކޯވެކްސް މަޝަރޫޢުގެ ދަށުން 2021ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެސްޓްރަޒެނެކާގެ ވެކްސިންގެ 300 މިލިއަން ޑޯޒް 145 ޤައުމަކަށް ފޯރުކޮށްދޭނެކަމަށެވެ.