އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ކޯވިޑް ފެތުރެމުންދިޔަނަމަވެސް ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް އެ ދެ ސިޓީގެ އެމެޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފިއެވެ.
ކޯވިޑް-19އާ ގުޅިގެން އައްޑޫސިޓީގެ ވެކްސިން ދިނުމުގެ ކަންކަން ހިތަދޫގައި ހަމަޖައްސާފައި ވަނީ ނޫރާނީ ސްކޫލު އަދި އައްޑޫ ހައިސްކޫލުގައެވެ. އަދި އެހެން އަވަށްތަކުގައި އެއަވަށެއްގެ ސިއްޙީ މަރުކަޒުން ހަމަޖައްސާ ތަނެއްގައިކަމަށް އައްޑޫއީއޯސީން ވިދާޅުވެއެވެ. އަދި މިހާތަނަށް 1641 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އީއޯސީން ހާމަކުރެއެވެ. މީގެ ތެރޭގައި ސިއްޙީ ދައިރާގެ ފްރޮންޓްލައިނުގައި ހަރަކާތްތެރިވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުންނާއި ދާއިމީ ބައްޔަކަށް ބޭސްކާ މީހުންގެ އިތުރުން އަސާސީ ޙިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަށް ހިމެނެއެވެ.
އައްޑޫގައި މިވަގުތު ވެކްސިންގެ ކަންކަން ކުރިއަށް ގެންދަމުންދާއިރު، މިހާތަނަށް 2 ކްލަސްޓަރ އަކުން 61 މީހުން ވަނީ ފެނިފައެވެ. އަދި މިވަގުތު ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާ ދެމުންދަނީ 3 މީހަކަށެވެ. އައްޑޫ އެމެޖެންސީ އޮޕަރޭޝަންސް ސެންޓަރުން ވިދާޅުވީ 2 މީހަކަށް ފަރުވާ ދިނުމަށްފަހު ފެސިލިޓީން ގެއަށް ބަދަލު ކުރެވިފައިވާކަމަށެވެ.
އައްޑޫގައި މިވަގުތު ރައްޔިތުންނަށް ނުރައްކާ އޮތީ ގުޅިފައިވާ ރަށްތަކުގައި ކޭސް ފެންނަމުންދާ އޭވިއޭޝަން ކްލަސްޓަރގެ ސަބަބުންނެވެ. އައްޑޫ އޭވިއޭޝަން ކްލަސްޓަރއިން މިހާތަނަށް 35 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. އަދި ހުޅުމީދޫގައި ބީދޭސީން ހިމެނޭ ކްލަސްޓަރއިން އިތުރު މީހަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.
ފުވައްމަލަކު ސިޓީގައިވެސް ވެކްސިން ދިނުމުގެ ކަންކަން ވަނީ ފެށިފައެވެ. އެގޮތުން އެސިޓީގައި ވެކްސިން ދިނުން މެދުކަނޑާލުމަށްފަހު، އަލުން ވެކްސިން ދޭން ފަށާފައިވާއިރު، މިވަގުތު ވެކްސިން ދެމުން ގެންދަނީ އުމުރުން ދުވަސްވީ މީހުންނަށެވެ. ފުވައްމަލަކު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ، މިހާތަނަށް 319 މީހަކަށް ވެކްސިން ދީފައިވާއިރު މިހާރު މަސައްކަތް ކުރަމުން ދަނީ 80 އަހަރުން މަތީގެ އެނދުމަތި ވެފައިވާ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ކަމަށެވެ.
ފުވައްމަލު ސިޓީގައި މިވަގުތު އެކްޓިވް 24 ކޭސް އޮތް އިރު އެސިޓީގައި ޖުމްލަ 30 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ. އެސިޓީން ހޯމަ ދުވަހުގެ ނިޔަލަށް އަލަށް 5 ކޭސް ވަނީ ފެނިފައެވެ.
އައްޑޫ އަދި ފުވައްމުލަކު ސިޓީގައި ކޯވިޑް ކޭސްތައް ފެނުމާއި ގުޅިގެން ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން ދެ ސިޓީގައިވެސް ޖަމާާޢަތުގައި ނަމާދުކުރުން މެދު ކަނޑާލާފައިވާއިރު، ދެ ސިޓީގައިވެސް ރޭގަނޑު 8:00 އިން ފަތިހު 4:00އަށް ކާފިއު ހިންގުމަށް ވަނީ ނިންމާފައެވެ.