އައްޑޫ ހުޅުމީދޫއިން ނެގި ރެންޑަމް ސާމްޕަލްތަކުން ޕޮޒިޓިވްވި 2 ކޭސްއާ އެއްވެސް ކްލަސްޓަރއަކާއި ގުޅުމެއް އޮތްކަން ހޯދިފައިނުވާކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.
އައްޑޫސިޓީ ހުޅުމީދޫން ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ދެ ފަރާތެއް ކޯވިޑްއަށް ޕޮޒިޓިވްވެފައިވާކަން އެޗްއީއޯސީން ވަނީ ކަށަވަރު ކޮށްދީފައެވެ. އައްޑޫގެ މިވަގުތު ހާލަތާއި ގުޅިގެން، އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯ ޑރ. މުހައްމަދު ސޯލިޙް ވިދާޅުވީ، މިހާތަނަށް މިކޭސްގެ ތެރެއިން 19 ފަރާތެއް ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިގެން އައިސޮލޭޓު ކުރެވިފައިވާ ކަމަށެވެ. އަދި މިވަގުތު އައްޑޫގައި އޮތް މައިގަނޑު ދެކްލަސްޓަރއާއި ޕޮޒިޓިވްވި މީހުންނާއި ގުޅުމެއް ހުރިކަން ފާހަގަކުރެވިފައި ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ރެންޑަމް ސާމްޕަލްގެ ތެރެއިން ދެމީހަކު ޕޮޒިޓިވް ވެފައިވާ ކަން ފާހަގަ ކުރެވުނީ. މިހާތަނަށް އަޅުގަނޑުމެން ބެލި ބެލުމުގައި ކޮންޓެކްޓުންގެ ގޮތުގައި 19 މީހުން އެބަތިބި. އެހެން ކަމުން ކޮންޓެކްޓް ޓްރޭސިން އިން މިހާތަނަށް 19 މީހަކު ހޯދިފައިވޭ. މީގެ ތެރެއިން މިހާތަނަށް ބެލި ބެލުމުން ފާހަގަ ކުރެވިފައިވާ އެވިއޭޝަން ކްލަސްޓަރ އާއި އެމްޓީސީސީ ސައިޓުގެ ކްލަސްޓަރ އާއި ގުޅުމެއް މިހާތަނަށް ފާހަގަ ކުރެވިފައި ނެތް" ޑރ. ސޯލިޙް ވިދާޅުވިއެވެ.
ހުޅުމީދޫގެ ރަށުތެރެއިން ޕޮޒިޓިވް ކޭސް ފެނިފައިވާއިރު، އެރަށް އެންމެ ފުރަތަމަ މޮނީޓަރިން އަށް ލާފައިވަނީ، މިމަހުގެ 4 ވަނަ ދުވަހުއެވެ. އޭރު އެރަށް މޮނީޓަރިންއަށް ލާފައިވަނީ، އެމްޓިސީސީ ސައިޓުގައި މަސައްކަތް ކުރަމުން ދިޔަ ދެ ބީދޭސީއެއް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އޭގެ ފަހުން އެސައިޓުން 26 މީހަކު މިހާތަނަށް ޕޮޒިޓިވް ވެފައިވެއެވެ. އޭގެ ތެރެއިން އެކަކު ހިތަދޫ ފެސިލިޓީގައި ފަރުވާ ދެމުންދާއިރު، 24 މީހަކު ބަލިން ވަނީ ރަނގަޅުވެފައެވެ.
އައްޑޫއިން މިހާތަނަށް 69 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. އޭގެ ތެރެއިން އަލަށް ހުޅުމީދޫން ފެނުނު ދެ ކޭސްގެ އިތުރުން އޭވިއޭޝަން ކްލަސްޓަރ އާއި ގުޅުން ހުރި، އިތުރު 3 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އައްޑޫއިން މިހާތަނަށް 26 މީހަކު ބަލިން ރަނގަޅު ވެފައިވެއެވެ. އެއީ ހުޅުމީދޫ އެމްޓިސީސީ ސައިޓުން 24 މީހަކާއި ގުޅިފައިވާ ރަށްތަކުން ޕޮޒިޓިވްވި 2 މީހެކެވެ.
ހުޅުމީދޫގެ ރަށުތެރެއިން ކޮމިއުނިޓީ ސްޕްރެޑެއް އޮތުމާއެކު އެރަށުގެ ސިއްޙީ މަރުކަޒު ކައިރީގައި ފްލޫ ކްލިނިކެށް ޤާއިމުކޮށް ޙިދުމަތް ލިބޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާކަމަށް އޭއީއެޗްއިން ވިދާޅުވެއެވެ.