ޚަބަރު

ތިމާވެއްޓާބެހޭ ބައިނަލްއަޤްވާމީ އެންމެ ބޮޑު އެއް ޖަމްޢިއްޔާގެ މެމްބަރަކަށް ރާއްޖެއިން ވަނީ


އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން)ގެ މެންބަރަކަށް ދިވެހިރާއްޖެ ވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ގޮތަށް ނިންމަވާފައި ވަނީ، އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއިން ހުށަހެޅުއްވި ކަރުދާހަކަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން)އަކީ މެމްބަރޝިޕް އުޞޫލުން ޤައުމުތަކުގެ ސަރުކާރާއި، މަދަނީ ޖަމްއިއްޔާތައް ހިމެނޭގޮތަށް އުފައްދާފައިވާ ތިމާވެއްޓާބެހޭ ބައިނަލްއަޤްވާމީ އެންމެ ބޮޑު އެއް ޖަމްޢިއްޔާއެވެ. އައި.ޔޫ.ސީ.އެން ގައި ދުނިޔޭގެ 91 ޤައުމުން ދައުލަތެއްގެ ހައިސިއްޔަތުން ބައިވެރިވެފައިވާއިރު 170 ޤައުމުން 1400 އަށްވުރެ ގިނަ ޖަމްޢިއްޔާ ޖަމާޢަތްތަކުން ވަނީ ބައިވެރިވެފައެވެ.

ދުނިޔޭގެ ޤުދުރަތީ މާހައުލާއި އެ މާހައުލުގައިވާ ދިރުންތައް ރައްކާތެރިކޮށް ދެމެހެއްޓުމުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އަދި މިހާރުވެސް ކުރަމުންދާ އައި.ޔޫ.ސީ.އެން އަކީ ބައިނަލްއަޤްވާމީ ގޮތުން ދުނިޔޭގެ ގިނަ ޤައުމުތަކުން ބަލައިގަންނަ މަޝްހޫރު ތަޖުރިބާކާރު ޖަމްޢިއްޔާއެކެވެ.

އައި.ޔޫ.ސީ.އެންގެ އިސްނެންގެވުމުގެ މަތީން ދިރޭތަކެތީގެ ނަސްލު ޙިމާޔަތްކުރުމުގައި މިހާތަނަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެހެންކަމުން ދިވެހިރާއްޖެއިން އައި.ޔޫ.ސީ.އެން ގައި ބައިވެރިވުމުގެ ސަބަބުން ދުނިޔޭގައި ދިރޭތަކެއްޗާއި މާހައުލުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ އެކިއެކި ފަރާތްތަކާއެކު ގުޅުން ބަދަހިކޮށް "ޕާޓްނާޝިޕް" ތައް ޤާއިމުކުރުމަށް މަގުފަހިވެގެންދާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. މީގެ އިތުރުން އެކިއެކި ނެޓްވަރކްތަކަށް ތަޢާރަފުވެވި އޭގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ. މިގޮތުން ފަންނީ މަޢުލޫމާތު ޙިއްޞާކުރުމާއި، ތަޖުރިބާ ޙިއްޞާކުރުމަކީ ދިވެހިރާއްޖެއަށް އޭގެ ސަބަބުން މަންފާ ލިބިގެންދާނެ ކަންކަމެވެ. އަދި މިއީ، ދިރޭތަކެއްޗާއި، އެތަކެތީގެ މާހައުލު ހިމާޔަތްކޮށް ބެލެހެއްޓުމުގައި ރާއްޖޭގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް ވެސް ލިބިގެންދާނެ ފުރުޞަތެކެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.