ޚަބަރު

ކޯވިޑް-19 : އަނެއްކާވެސް އިތުރު މީހަކު ނިޔާވެ، ޢަދަދު 64އަށް


ކޯވިޑް-19ގައި ރާއްޖެއިން އަނެއްކާވެސް އިތުރު މީހަކު ނިޔާވެއްޖެއެވެ.

މިއަދު ނިޔާވެފައިވަނީ ޢުމުރުން 78 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަކީ ބޮޑެތި ބަލިތަކަށް ފަރުވާދެމުން އައި މީހެކެވެ. އޭނާ ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށެވެ. މިއީ މިބަލީގައި ރާއްޖޭގައި ނިޔާވި 64 ވަނަ މީހާއެވެ. ކޯވިޑް ޖެހިގެން ރާއްޖެއިން އެންމެ ގިނަ މީހުން ނިޔާވެފައިވަނީ މިދިޔަ މަހުގައެވެ. މިދިޔަމަހު އެކަނިވެސް ކޯވިޑް ޖެހިގެން ރާއްޖެއިން 11 މީހަކުވަނީ ނިޔާވެފައެވެ. މިމަހުގެ މިހާތަނަށްވެސް 2 މީހުން ވަނީ މިބަލީގައި ނިޔާވެފައެވެ.

ކޯވިޑް-19ގައި ރާއްޖެއިން މިހާތަނަށް ނިޔާވި 64 މީހުންގެ ތެރޭގައި ހިމެނެނީ 56 ދިވެހިންނާއި 8 ބިދޭސީންނެވެ. ރާއްޖޭގައި މިވަގުތުވެސް 2600 އަށްވުރެ ގިނަ މީހުން އަންނަނީ ކޯވިޑަށް ފަރުވާދެމުންނެވެ. އަދި ހޮސްޕިޓަލްގައި 187މީހަކަށް ދަނީ ފަރުވާދެމުންނެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 20،280އަށް އިތުރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 4،262 ސާމްޕަލް ވަނީ ނަގާފައެވެ. ރާއްޖެއިން ކޯވިޑް-19އަށް ޓެސްޓުކުރުމަށް ނެގި ސާމްޕަލްގެ އަދަދު މިވަނީ 536،931 އަރާފައެވެ.