ޚަބަރު

ކޯވިޑް-19 : "ބާރަށު ކްލަސްޓަރ"އިން އިތުރު 9 މީހުން ޕޮޒިޓިވް


ހއ.ބާރަށުން އިތުރު 9 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ އެރަށުން ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު 22އަށް އިތުރުވެއްޖެއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބާރަށުގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރައްވަމުން އެސެންޓަރުގެ ތަރުޖަމާން ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ ބާރަށުން ފުރަތަމަ ޕޮޒިޓިވްވީ ހޯމް ކަރަންޓީންގައި ތިބި 9 މީހެއްކަމަށެވެ.

އަދި އެކޭސްތަކާއި ގުޅިގެން ކޮންޓެކްޓުވި މީހުންގެ ސާމްޕަލް ނަގައި ޓެސްޓުކުރިއިރު، 2 މާޗްގައި އިތުރު 4 މީހުން ޕޮޒިޓިވްފައިވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. މިއާއެކު ޑައިރެކްޓް ކޮންޓެކްޓުންނާއި ބަލީގެ އަލާމާތްތައް ހުރި މީހުންގެ ތެރެއިން ސާމްޕަލް ނަގައި މިއަދު ޓެސްޓުކުރެވުނު 158 ސާމަޕަލްގެ ތެރެއިން 9 މީހަކު ޕޮޒިޓިވްވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ބާރަށުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހައިރިސްކު މީހަކު ހުރުމުން އެމީހާ ށ.ފުނަދޫގައި ހުންނަ ކޯވިޑް ފެސިލިޓީއަށްވަނީ ބަދަލުކޮށްފައެވެ. ބާރަށުގެ އިތުރުން ޕޮޒިޓިވް ކޭސްތަކެއް ފުނުމާ ގުޅިގެން މިވަގުތު މޮނިޓަރިންގެ ޙާލަތުގައި ވަނީ އައްޑޫ ސިޓީއާ ފުވައްމުލައް ސިޓީއއާއި ގއ.ދެއްވަދުއެވެ.