ޚަބަރު

ދިވެހި ފަންނާނުންނަށް ހުރަސްއެޅޭ ގޮތަށް ރިސޯޓްތަކުގައި ހަރަކާތްތެރިވި 60 ބިދޭސީއަކު ފޮނުވާލަން އަންގައިފި


އެކި ހުއްދަތަކުގައި ރާއްޖެއައިސް ރިސޯރޓުތަކުގައި ފޮޓޯގްރާފަރުންގެ ގޮތުގައާއި މިއުޒިކް ހަރަކާތްތަކުގައި ޝާމިލްވެގެން އުޅޭ 60 ބިދޭސީއަކު ރާއްޖެއިން ފުރުވާލުމަށް އިމިގްރޭޝަނުން އަންގަވައިފިއެވެ.

ދިވެހި ފަންނާނުންގެ މަސައްކަތްތަކަށް ހުރަސްއެޅޭގޮތަށް ބައެއް ފަރާތްތަކުން ބިދޭސީން ލައްވާ ޤަވާއިދާ ޚިލާފަށް މަސައްކަތްކުރުވަމުންދާ މައްސަލަތަކާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ ތަފާތު އެކިއެކި ހުއްދައިގެ ދަށުން ރާއްޖެ އެތެރެވުމަށްފަހު، އެ ފަރާތްތަކަށް ދީފައިވާ ހުއްދައިގެ ބޭރުން ބިދޭސީން މަސައްކަތް ކުރަމުންދާ ކަމުގެ ޝަކުވާ އެ އިދާރާއަށް ލިބެމުންދާކަމަށެވެ.

އޭގެ ތެރޭގައި ރިސޯރޓުތަކުން ފޮޓޯގްރާފަރުންގެ ގޮތުގައާއި އަދި މިއުޒިކީ އެކިއެކި ހަރަކާތްތަކުގައި ބިދޭސީން ޝާމިލް ކުރަމުންދާކަމުގެ ޝަކުވާތައް ގިނަކަން ފާހަގަކުރައްވައި އިމްގްރޭޝަނުން ވިދާޅުވީ، އެއިދާރާއަށް ހުށައެޅޭ ޝަކުވާތަކާއި ގުޅިގެން މައްސަލަތައް ބަލުމަށްފަހު 60 މީހަކު ރާއްޖެއިން ފުރުވާލުމަށް އަންގާފައިވާނެކަމަށެވެ.

މިގެ ތެރެއިން މިހާތަނަށް ބޯޑަރު ހުޅުވާފައިވާ ގައުމުތަކަށް ނިސްބަތްވާ ބިދޭސީން ފުރާފައިވާކަމަށްވެސް އިމިގްރޭޝަނުން މައުލޫމާތިދެއެވެ. ނަމަވެސް އަދިވެސް ބައެއް ފަރާތްތަކުން ބިދޭސީން ލައްވާ އެފަރާތްތަކަށް ދީފައިވާ ހުއްދައިގެ ބޭރުން ފޮޓޯގްރަފީ އާއި މިއުޒިކީ މަސައްކަތްތައް ކުރުވަމުންދާކަމުގެ މަޢުލޫމާތު އެ އިދާރާއަށް ލިބެމުންދާކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

އެގޮތަށް ވިޔަފާރިތަކުން އަމަލު ކުރަމުން ދިއުމުން، ދިވެހި ފަންނާނުންނަށް ލިބޭ ފުރުޞަތުތައް ގެއްލި، މާލީގޮތުން ވަރަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ މަޢުލޫމާތު އެކި ފަރާތްތަކުން އިދާރާއާއި ހިއްސާކުރަމުންދާކަމަށާ، އެފަދަ މަސަކަތްކުރުވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅަމުންދާނެކަން އިމިގްރޭޝަނުންވަނީ ހަނދާންކޮށްދެއްވާފައެވެ.

އަދި ދިވެހި ފަންނާނުންގެ ކުރިމަގަށް ނުރަނގަޅު އަސަރު ކުރާނެ ފަދަ އަމަލުތަކުން އެއްކިބާވުމަށާ، ޤަވައިދާ ޚިލާފަށް ބިދޭސީންލައްވާ މަސައްކަތް ނުކުރުވުމަށް އިމިގްރޭޝަނުންވަނީ އިލްތިމާސް ކުރައްވާފައެވެ.