ޚަބަރު

ކޯވިޑް-19 ދިފާޢު: 6،941 މީހުން ވެކްސިން ޖަހައިފި


އިތުރު 6،941 މީހުން ކޯވިޑް-19 ވެކްސިން ޖަހައިފިއެވެ. ވޭތުވެދިޔަ 24ގަޑިއިރު ގިނަ ބަޔަކު ވެކްސިންޖެހީ އަތޮޅުތަކުގެ ސެންޓަރުތަކުގައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭހެ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގައި ވެކްސިން ޖެހި 6،941 މީހުންނާއެކު މިހާތަނަށް ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 145،768އަށް އަރާފައެވެ.

މިދިޔަ 24ގަޑިއިރު ގިނަ ބަޔަކު ވެކްސިން ޖަހާފައިވަނީ އަތޮޅުތަކުގެ ސެންޓަރުގަތަކުގައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، އަތޮޅުތަކުން 4،787 މީހުންވަނީ ވެކްސިން ޖަހާފައެވެ. މާލެ ސަރަޙައްދުން ވެކްސިން ޖެހި ޢަދަދަކީ 2154މީހުންނެވެ.

މިއާއެކު އަތޮޅުތަކުން ވެކްސިންޖެހި މީހުންގެ އަދަދުވަނީ 58،723އަށް އަރާފައެވެ. މާލެ ސަރަޙައްދުން ވެކްސިންޖެހި މީހުންގެ ޖުމްލަ ޢަދަދަކީ 87،045 އެވެ. ވެކްސިން ޖެހުމުގެ ޚިދުމަތް މިހާރު ދެމުން އަންނަނީ މާލެ ސަރަހައްދުގެ 8 ސެންޓަރަކާއި އަތޮޅުތަކުން 169 ސެންޓަރެއްގައެވެ. އަދި މާލޭ ސަރަޙައްދުގައި ވެކްސިން ދިނުމަށްޓަކައި 2 މޯބައިލް ޓީމްވެސް ހަރަކާތްތެރިވަމުން އާދެއެވެ.

ރާއްޖޭގައި މިހާރުވަނީ ޢުމުރުން 18 އަހަރުން މަތީގެ ހުރިހާ އުމުރުފުރާތަކަށް ވެކްސިން ޖެހުމުގެ ފުރުޞަތު ހުޅުވާލާފައެވެ. މިއާއިއެކު ކޮވިޝީލްޑް ވެކްސިން ދިނުމުގެ ހުއްދަ އޮންނަ ހުރިހާ އުމުރުފުރާތަކަށް މިހާރު މިވަނީ ރާއްޖޭގައި ވެކްސިން ދޭން ފަށާފައެވެ. ރާއްޖޭގައި މިވަގުތު ދެމުންދަނީ ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒްއެވެ. ދެވަނަ ޑޯޒް ޖަހަންޖެހެނީ، ފުރަތަމަ ޑޯޒް ޖަހާތާ 8 ހަފްތާ ފަހުންނެވެ.