މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުފޮށި ބަހައްޓަން، ރެކޯޑް ޢަދަދަކަށް ރިސޯޓްތަކުން އެދިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އަންނަ އޭޕްރީލް މަހުގެ 10ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، މިފަހަރު ރިސޯޓްތަކުގައި ވޯޓުފޮށި ބަހައްޓަން ހުޅުވާލި ފުރުސަތުގައި މިހާތަނަށް 135 ރިސޯޓަކުން އެކަމަށް އެދި ހުށައަޅާފައިވާކަމަށެވެ.
މީގެ ކުރީގެ އިންތިޚާބުތަކުގައި 50 މީހުން ރަޖިސްޓްރީ ނުވާ ރިސޯޓުތަކުގައި ވޯޓުފޮށި ނުބަހައްޓަން އިލެކްޝަންސް ކޮމިޝަނުންވަނީ ނިންމާފައެވެ. ނަމަވެސް ކޯވިޑް-19އާ ގުޅިގެން އިއުލާންކޮށްފައިވާ އެޗްޕީއޭގެ ގައިޑްލަންތަކުގައި ކަރަންޓީނު ނުވެ ރަށްރަށް ނުދެވޭގޮތަށްވަނީ ހަމަޖައްސާފައެވެ.
އެހެންކަމުން ރިސޯޓްތަކުގައި މަސައްކަތްކުރާ މީހުންނަށް ކައިރި ރަށްރަށް ވޯޓުލާންދިއުމަށް ދިމާވާނެ ދަތިތަކަށްބަލައި އިލެކްޝަންސް ކޮމިޝަނުންވަނީ ވޯޓްފޮށި ބެހެއްޓޭނެ އިންތިޒާމުތައް ހަމަޖައްސާނަމަ ކޮންމެ ރިސޯޓެއްގައިވެސް ވޯޓުފޮށި ބަހައްޓާގޮތަށް ނިންމާފައެވެ. އަދި އެގޮތަށް އިންތިޒާމު ހަމަޖައްސާނަމަ ކިތަންމެމަދު މީހަކު ރަޖިސްޓްރީކުރިނަމަވެސް އެރިސޯޓެއްގައި ވޯޓުފޮށި ބަހައްޓާނެކަމަށް އީސީންވަނީ ވިދާޅުވެފައެވެ.
މިދިޔަ އަހަރު ފަސްކުރިއިރު ކައުންސިލް އިންޚާބުގައި ވޯޓުފޮށި ބަހައްޓަން ރަޖިސްޓްރީކުރީ އެންމެ 35 ރިސޯޓުން ނަމަވެސް މިފަހަރު ގެނައި ބަދަލާއެކު ރެކޯޓު ޢަދަދަކަށް ރިސޯޓްތަކުން ވޯޓުފޮށި ބަހައްޓަން އެދިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.
"މިހާތަނަށް އަޅުގަނޑުމެންނަށް ރިކުއެސްޓް އައިސްފައި އެބައޮތް 135 ރިސޯޓަކުން، އެއީ ފުދޭވަރަކަށް ރަނގަޅު ޢަދަދެއް. ގާތްގަނޑަކަށް ސަތޭކަ ފަންސާހެއްހައި ރިސޯޓް އޮންނައިރު 135 ރިސޯޓްމިއީ ފުދޭވަރަކަށްބޮޑު ޢަދަދެއް. ދެން އެއް ރިސޯޓުން އަނެއްނނ ރިސޯޓަށްވެސް ވޯޓުލާން ދާނެކަމަށް ބުނެފައިއެބަވޭ." ޝަރީފް ވިދާޅުވިއެވެ.
ގިނަ ރިސޯޓްތަކުން ވޯޓުފޮށި ބެހެއްޓުމަށް އެދިފައިވާއިރު އެތަންތަނުގައި ހަރަކާތްތެރިވާ ދިވެހިން ވީހާވެސް ގިނައިން ރީރަޖިސްރީ ވުމަށް އިލެކްޝަން ކޮމިޝަނުންވަނީ އިލްތިމާސްކުރައްވާފައެވެ.
މދިޔަ އަހަރެއްހައި ދުވަހުގެތެރޭގައި ރިސޯޓްތަކުގެ މުވައްޒަފުން އެއް ރިސޯޓުން އަނެއް ރިސޯޓަށް ވަޒީފާ ބަދަލުކުރުމާއި، ބައެއް ފަރާތްތަކުން ވަޒީފާއިން ވަކިވެފައިވާތީ ރިސޯޓްތަކުގައި ވޯޓުލާ ހުރިހާ އެންމެންވެސް އަލުން ރީރަޖިސްޓަރވުމަށް އިލެކްޝަން ކޮމިޝަނުންވަނީ ފުރުސަތު ހުޅުވާލާފައެވެ.