ޚަބަރު

ސެޓެލައިޓް ސްކޫލިންގ މެދުވެރިކޮށް އޯގަސްޓް މަހު ކިޔަވައިދެނީ


މިއަހަރުގެ ދިރާސީ އާއަހަރުގެ ކިޔެވުން ފެށޭއިރު ސްކޫލް ނެތް ރަށްރަށުގައި ސެޓަލައިޓް ސްކޫލިން ޤާއިމްކުރުމަށް ނިންމަވާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ އެމްޑީޕީން ކުރިއަށްގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިން ހަރަކާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

"ރަށްވެހި ފަތިސް" ކެމްޕެއިން ބައްދަލުވުމުގައި ވ.އަތޮޅުގެ އެމްޑީޕީ ކައުންސިލް އިންތިޚާބްގެ ކެންޑިޑޭޓުން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރ ޑ.ރ. އައިޝަތު އަލީ ވިދާޅުވީ މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭއިރު ވ.ރަކީދޫ އާއި ތިނަދޫގައި ސެޓަލައިޓް ސްކޫލިން ސިސްޓަމް ޤާއިމްކޮށް ކިޔަވައިދޭން ފަށްޓަވާނެކަމަށެވެ. ސެޓަލައިޓް ސްކޫލިން މެދުވެރިން ކިޔަވައިދިނުމަށްޓަކައި ކޮންމެ ރަށެއްގައި ދަރިވަރުން ހާޒިރުވެގެން ކިޔަވާނެ އިމާރާތެއް ހުންނާނެ ކަމަށާއި ކޮންމެ ގްރޭޑަކަށް ބޭނުންވާ މުދައްރިސުން ތިބޭނެކަމަށެވެ. މިގޮތަށް ކިޔަވައިދޭއިރު ކޮންމެ ދަރިވަރަކަށްވެސް ބޭނުންވާނެ ވަޞީލަތްތައް ފޯރުކޮށްދެއްވާނެކަމަށާއި ދަރިވަރުންގެ އިތުރު ހަރަކާތްތައް ކުރިއަށްގެންދިޔުމުގައި އެހެނިހެން ސްލޫލްތަކާއި ގުޅިގެން ކުރިއަށްގެންދެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" ކޮންމެ ގްރޭޑަކަށް ބޭނުންވާ މުދައްރިސުން ތިބޭނެ. ކޮންމެ ދަރިވަރަކަށް ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދީފައި ހުންނާނެ. މިގޮތުން އިންޓަނެޓާއި ކޮމްޕިއުޓަރގެ ވަޞީލަތްތައް ފޯރުކޮށްދޭނެ. ކިޔެވުމުގެ އިތުރުން އެހެނިހެން ތަޖުރިބާތައް ފޯރުކޮށްދިނުމަށްޓަކައި އެހެން ސްކޫލްތަކާ ގުޅިގެން ކުރިއަށް ގެންދާނެ." އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ ވިދާޅުވިއެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގައި ސްކޫލް ނެތްއިރު ކުދިން މަދުވުމުގެ ސަބަބުން ކިޔަވައި ނުދެވޭ ސްކޫލްތައް އެބަހުއްޓެވެ. އެ ދަރިވަރުން ތަޢުލީމް ހާސިލްކުރަމުން އަންނަނީ އަތޮޅުގެ ކޮންމެވެސް އެހެން ރަށެއްގެ ސްކޫލަކަށް ގޮސްގެންނެވެ. އެހެންނަމަވެސް ކޮންމެރަށެއްގައިވެސް ދަރިވަރުންނަށް ބޭނުންވާ ތަޢުލީމް އެރަށަކުން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން އަންނަނީ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ކޯވިޑްގެ މިދުވަސްވަރުވެސް ވަނީ އޮންލައިންކޮންނާއި ޓީވީ މެދުވެރިކޮށް ދަރިވަރުންނަށް ކިޔަވައިދީފައެވެ.

ސެޓަލައިޓް ސްކޫލިން ޤާއިމްކުރުމަށް ނިންމާފައިވާއިރު މީގެ ކުރިންވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އާބާދީ މަދު ސްކޫލްތަކަށް ޚާއްސަކޮށް ވަރޗުއަލްކޮށް ކިޔަވައިދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ.