ޚަބަރު

4 ރަށެއްގައި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއް ހިންގައި 4 މީހަކު ހައްޔަރުކޮށްފި


މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 4 ރަށެއްގައި ހިންގި އޮޕަރޭޝަންތަކެއްގައި 4 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މި އޮޕަރޭޝަންތައް ކުރިއަށްގެންދިޔައީ ބ. އޭދަފުއްޓާއި، ރ. އިނގުރައިދޫގެ އިތުރުން ތ. ތިމަރަފުއްޓާއި، އއ. ބޮޑުފޮޅުދޫގައެވެ.

ބ. އޭދަފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ 18 އަހަރުގެ ދިވެހި ފިރިހެނަކު މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މަހުގެ 6 ވަނަ ދުވަހު އޭދަފުށި ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި، އެ ރަށު މަގުމަތިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދަށް އޭދަފުށި މެޖިސްޓްރޭޓް ކޯޓުންވަނީ ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ.

މީގެ އިތުރުން މިމަހުގެ 5 ވަނަ ދުވަހު ރ. އިނގުރައިދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއްހުރި ބުލެޓު ސައިޒުގެ ރަބަރު ޕެކެޓެއް ފެނިފައިވާތީ އޭނާގެ ބަންދަށް އިނގުރައިދޫ މެޖިސްޓްރޭޓް ކޯޓުންވަނީ 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މިމަހުގެ 4ވަނަ ދުވަހު ފުލުހުންވަނީ އއ. ބޮޑުފުޅަދޫގައިވެސް މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފައެވެ. މިއީ މާލެއިން ފުރައިގެން ބޮޑުފުޅަދޫއަށް ދަތުރުކުރާ ލޯންޗަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކަމަށް ފުލުހުން ވިދާޅުވިއެވެ. އެ އޮޕަރޭޝަނުގައި، ލޯންޗުން ގެނައި ކޮތަޅެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއްހުރި ހަތަރު ސެލޯފިންކޮޅު ފެނިފައިވީނަމަވެސް އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާކަމަަށް ފުލުހުން ވިދާޅުވިއެވެ.

ތ. ތިމަރަފުށީގައި މިމަހު 3 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި 32 އަހަރުގެ މީހަކާއި 36 އަހަރުގެ ދެ ދިވެހިން ހައްޔަރުކޮށްފައިވާކަމަށާއި، އެ މީހުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓަކާއި، ކުޑަ 11 ރަބަރު ޕެކެޓު ފެނިފައިވާތީ، އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ތިން ދުވަހުގެ މުއްދަތު އެކަކަށް ދީފައިވާއިރު އަނެކަކަށް ހަތް ދުވަހުގެ މުއްދަތު ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަތައް ތަހުގީގު ކުރަމުންގެންދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ވިދާޅުވެފައެވެ.