ޚަބަރު

ސިނަމާލެ ބްރިޖްގައި ކާރުތަކަކާއި ޕިކަޕެއްޖެހި އެކްސިޑެންޓެއް ހިނގައިފި


އިންޖީނު ހޫނުވެގެން ބްރިޖްގައި މަޑުކޮށްފައި އޮތް ކާރެއްގައި އިތުރު ވެހިކަލްތަކެއްޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ވިދާޅުވީ މިއަދު މެންދުރު މި އެކްސިޑެންޓް ހިނގާފައިވަނީ 4 ކާރަކާއި ޕިކަޕެއް ޖެހިގެންކަމަށެވެ. މިއެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް ކާރުތަކާއި ޕިކަޕަށް އެކިވަރުގެ ގެެއްލުންވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި މިހާތަނަށް ބެލިބެލުމުން އެކްސިޑެންޓް ހިނގާފައިވަނީ، ދުއްވާފަދިޔަ ކާރެއްގެ އިންޖީނު ހޫނުވެގެން ސިގްނަލްދިނުމަށްފަހު އެއް ފަރާތެއްގައި މަޑުކޮށްގެން އޮއްވާ ފަހަތުން އައި އުޅަނދުތަކެއްގައި ޖެހިގެންކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓުގައި ގެއްލުންވި 5 އުޅަނދު ދުއްވަންތިބި މީހުންނަކީވެސް އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތް މީހުންކަމަށް ފުލުހުން މައުލޫމާތުދެއްވިއެވެ.

މިކަމާއި ގުޅިގެން ފުލުހުން ބަލަންޖެހޭކަންކަން ބަލަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވެއެވެ.