ޚަބަރު

ވަކި ކެނޑިޑޭޓަކަށް ވޯޓު ނުދޭން ބުނުމަކީ އެންޓިކެމްޕެއިނެއް - ޝަރީފް


ވަކި ކެނޑިޑޭޓަކަށް ވޯޓު ނުދޭން ބުނުމަކީވެސް އެންޓި ކެމްޕެއިންކުރުންކަމަށާއި، އެންޓިކެމްޕެއިންއާ ދުރުހެލިވުމަށް ހުރިހާ ކެނޑިޑޭޓުންނަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް އިލްތިމާސްކުރައްވައިފިއެވެ.

އަންނަ އޭޕްރީލް މަހުގެ 10ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕެއިން ފަށައިގެން ކުރިއަށްދާއިރު ބައެއް ކެނޑިޑޭޓުންނާ ދެކޮޅަށް އެންޑިކެމްޕެއިން ކުރަމުންދާކަމުގެ ޝަކުވާތަކެއްވަނީ ފެންމަތުވެފައެވެ.

ޚާއްސަކޮށް މާލޭގެ މޭޔަރުކަމަށް ވާދަކުރާ ބައެއް ކެނޑިޑޭޓުންނާ ދެކޮޅަށް ސޯޝަލް މީޑިއާގައި އެންޓިކެމްޕެއިން ކުރާކަމުގެ ކަންބޮޑުވާކަމަށް އެ ކެނޑިޑޭޓުންނައި ސަޕޯޓަރުންދަނީ ބުނަމުންނެވެ.

މިކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، މިހާތަނަށް އައިއިރު އެންޓިކެމްޕެއިންއާ ގުޅޭ އެއްވެސް ޝަކުވާއެއް އެކޮމިޝަނަށް ރަސްމީކޮށް ހުށައަޅާފައި ނުވާކަމަށެވެ. އެހެން ނަމަވެސް ސޯޝަލް މީޑިއާގައި ކޮމިޝަނުގެ ރައީސާއި މެންބަރުންނަށް ޓެގްކޮށް ލިޔެލާ ޓްވީޓްތަކަކީ ރަސްމީކޮށް ހުށައެޅޭ ޝަކުވާއެއްކަމަށް ކޮމިޝަނުން ބަލައިނުގަންނަކަމަށޭވެ.

ޝަކުވާއެއް އެއޮންނަ އުސޫލުން ހުށައަޅައިފިނަމަ އެކަން ބަލާނެކަމަށާއި، އެފަދަ ޝަކުވާތަކަކީ ޤާނޫނީގޮތުންވެސް ބެލޭނެ އަދި ކޯޓަށްވެސް ހުށައެޅޭނެ ކަންކަމަށްވުމުން އެފަދަކަމެއް ހިނގާނަމަ ރަސްމީ ޝަކުވާއެއްގެ ސިފައިގައި ހުށައެޅުން މުހިއްމުކަމަށް ޝަރީފް ވިދާޅުވިއެވެ.

އިންތިޚާބުތަކާއި ބެހޭ ޤާނޫނުގައި ކެމްޕެއިންގެ ތެރޭގައި ކުރެވޭނެ ކަންކަމާއި ނުކުރެވޭނެކަން ކަން ބަޔާންކޮށްފައިވާއިރު، ނުކުރެވޭނެ ކަންތައްތަކުގެ ތެރޭގައި މީހަކަށް ވޯޓު ނުލުމަށް ބުނުމަކީ ކޮށްގެންވާނެކަމެއް ނޫނެވެ. އަދި އެއްވެސް ކެނޑިޑޭޓެއްގެ އިންތިޚާބީ ހައްޤަކަށް އަރައިގަނެގެން ނުވާނެކަމަށްވެސް ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

"މިވެނި ކެނޑިޑޭޓަކަށް ވޯޓުދޭށޭ ބުނުމަކީ އެންޑިކެމްޕެއިނެއް ނޫން. މިވެނި ކެނޑިޑޭޓަކަށް ވޯޓު ނުދޭށޭ ބުނުމަކީ އެއީ އެންޓިކެމްޕެއިނެއް. އެއީދެން ޤާނޫނުގައި ވަރަށް އެހެންކަހަލަ ގޮތަކަށް އޮންނައެއްޗެއް. އެހެންވެއްޖެއްޔާ މިސާލަކަށް ކެނޑިޑޭޓަކު ކޮށްފަހުރި ގޯސްކަންތަތްތަކެއްގެ ވާހަކަދެއްކުމަކީ އެނޓިކެމްޕެއިނެއްތޯ ނުވަތަ ނޫންތޯ އެއީ އަޅުގަނޑުމެންނާ ހަމައަށް ޝަކުވާއައިމަ އަލުގަނޑުމެން އެކަމަށް ޤާނޫނަށް ބަލައި ގޮތެއް ނިންމާނީ" ޝަރީފް ވިޑާޅުވިއެވެ.

މިޙާރަކަމަށް އަައިސް ބައެއް ކެނޑިޑޭޓުން ނުވަތަ ވަކި ކެނޑިޑޭޓަކު ކުރިން ކޮށްފައިވާ ކަންކަމާއި ގުޅޭގޮތުން ވާހަކަދެކެވޭކަމަށާއި، ކެމްޕެއިން ކުރުމުގައި އެންޓި ކެމްޕެއިންއަށްވާގޮތަށް ނުވަތަ އެއްވެސް ކެނޑިޑޭޓެއްގެ އިންތިޚާބީ ހައްޤަކަށް އުނިކަން އަންނާނެފަދަ ގޮތަކަށް، ކަންކަން ނުކުރުމަށްވެސް އިލެކްޝަންސް ކޮމިޝަނުގެ ރައީސްވަނީ އެދިވަޑައިގަންނަވާފައެވެ.

"ވޯޓު މީހަކަށްދޭށޭ ބުނުމަކީ އެންޓިކެމްޕެއިނެއް ނޫން. އެކަމަކު މިވެނި މީހަކަށް ނުދޭށޭބުނުމަކީ އެންޓިކެމްޕެއިނަކަށްވާނެ. އެހެންވީމަ އަޅުގަނޑު ހުރިހާ ކެނޑިޑޭޓުންނަށްވެސް ދަންނަވާލާނީ އެންޓިކެމްޕެއިން ކުރުމުން ހަމަ ދުރުހެލިވާށޭ. ޤާނޫނުގައި ވަރަށް ޞަރީޙަ އިބާރާތުން އެބައިވޭ އެންޓިކެމްޕެއިނަކީ ކޮބައިކަން. އެހެންވީމަ ޤާނޫނުގައި އެ ބުނާގޮތަށް ކެމްޕެއިންކުރަމުން ގެންދަވާށޭ އަޅުގަނޑު ބުނާނީ" އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވިއެވެ.

އަންނަ އޭޕްރީލް މަހުގެ 10ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ޖުމްލަ 3936 ކެނޑިޑޭޓުން ވާދަކުރާއިރު ކެމްޕެއިން ކުރުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ.