ޚަބަރު

ސިފައިންގެ ކްލަބުގެ މުހައްމަދު ރަޝީދު، ތުރުކީ މެރަތަންއަކުން 1ވަނަ


ތުރުކީގެ ރަނޮތާލިއާ މެރެތަންއިން ދިވެހި ސިފައިންގެ ކްލަބުގެ މުހަންމަދު ރަޝީދު އެއްވަނަ ހޯދައިފިއެވެ.

ތުރުކީގެ އަންތާލިޔާގައި މިއަދު ކުރިއަށްދިޔަ މިމެރަތަންއިން އެއްވަނަ މުޙަންމަދު ރަޝީދު ހޯދާފައިވަނީ 2 ގަނޑިއިރާއި 37.09 މިނެޓުން ދުވުން ނިންމައިގެންނެވެ. ކޯވިޑް-19ގެ ސަބަބުން ރައްކާތެރިކަމަށްޓަކައި މިމެރަތަންގައި ބައިވެރިވެފައިވަނީ 50 ދުވުންތެރިންނެވެ.

މިއީ ރާއްޖެއިން ބޭރުގެ މެރަތަންއެއްގައި ދިވެއްސަކު ހޯދާފައިވާ އެންމެބޮޑު ކާމިޔާބީއެވެ. 2019ވަނަ އަހަރު ތައިލެންޑްގެ ޕުކެޓްގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް މެރެތަންގައި ދުވެ މުޙަންމަދު ރަޝީދު ވަނީ މީގެކުރިންވެސް އެއްވަނަ ހޯދާފައެވެ. އެއީ 5 ކިލޯ މީޓަރު ދުވެގެންނެވެ.

މުހަންމަދު ރަޝީދުގެ މިކާމިޔާބީއާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީވަނީ މަރުޙަބާ ވިދާޅުވެފައެވެ. ޢުމުރުން 28 އަހަރުގެ މުޙަންމަދު ރަޝީދު އެންމެ ފުރަތަމަ މެރެތަންއެއްގައި ދުވެފައިވަނީ 2016ވަނަ އަހަރުގެ ދުބާއީ މެރަތަންގައެވެ.


މުޙަންމަދު ރަޝީދުވަނީ ފާއިތުވެގެން ދިޔަ އަހަރުތަކުގައި ގިނަ ކުރިއެރުންތަކެއް ހޯދާފައެވެ. ތުރުކީގައި ކުރިއަށްދިޔަ ރަނޮތާލިއާ މެރެތަންގައމުޙަންމަދު ރަޝީދުގެ އިތުރުން މަޝްހޫރު ދުވުންތެރިޔާ ނަސްރުﷲ އަޙްމަދާއި މުހަންމަދު މުސްތަފާވެސް ދުވިއެވެ. މިއީ މުހައްމަދު މުސްތަފާގެ ބައިނަލްއަގުވާމީ ފުރަތަމަ މެރަތަންއެވެ. ނަޞްރުގެ 68ވަނަ މެރަތަންއެވެ.