ކުޅިވަރު

ލ.އަތޮޅުގެ ހުރިހާ ރަށަކަށް މިމަހުގެ 15ގެ ކުރިން އައުޓްޑޯ ޖިމްތައް ގެންދަނީ


ލ.އަތޮޅުގެ ހުރިހާ ރަށަކަށް އައުޓްޑޯ ޖިމްތައް މިމަހުގެ 15ގެ ކުރިން ގެންދާނެކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ރަށްވެހި ފަތިސްގައި ލ.އަތޮޅުގައި ހިންގާ މަޝްޢޫތަކާއި ބެހޭގޮތުން ވާހަކަދައްކަމުން ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވީ ލ.އަތޮޅުގެ 11 ރަށުގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ އައުޓްޑޯ ޖިމްތައް މިމަހުގެ 15ގެ ކުރިން ލ.އަތޮޅުގެ ރަށްތަކަށް ގެންދެވޭނެކަމަށް އެމަސައްކަތް ހަވާލްކޮށްފައިވާ ފަރާތުން މަޢުލުމާތުދީފައިވާކަމަށެވެ. އައުޓްޑޯ ޖިމްތަކަކީ އިންޑިޔާގެ އެހީގައި ގާއިމް ކުރާ ޖިމްތަކެކެވެ. އަދި ކުޑަކުދިންގެ ފާކްތައްވެސް ވަރަށް އަވަހަށް ލ.އަތޮޅުގެ ބައެއް ރަށްތަކަށް ފޮނުވުމަށް ހަމަޖެހިފައިވާކަމަށް މަހުލޫފް ވިދާޅުވިއެވެ. ޔޫތް މިނިސްޓްރީއިން ގިނަ އަދަދެއްގެ މަޝްޢޫތައް ލ.އަތޮޅުގައި ހިންގަމުންދާއިރު، ލ.ފޮނަދޫގައި ވޮލީ ކޯޓެއް އެޅުމަށް އިއުލާން ކުރުމަށް ތައްޔާރުވަމުންދާކަމަށާއި ފުޓްބޯޅަ ދަނޑު އެޅުމަށް އޮތް ބިމުގައި ވަރަށް ބޮޑެތި ގަސްތަކެއް ހުރުމުން، އެކަންކަމަށް ކައުންސިލްއާއި މަޝްވަރާ ކުރަމުން ދާކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވިއެވެ.

ލ.ގަމުގައި ފުޓްސެލް އެއް ދަނޑުގެ މަސައްކަތް ނިމި، އިތުރު ތިން ދަނޑުގެ މަސައްކަތް ކުރިއަށް ދާކަމަށާއި ފުޓްބޯޅަ ދަނޑުގެ މަސައްކަތުގެ ތެރެއިން ވަށާފާރާއި ރޮސްޓްރަމްގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ޔޫތް މިނިސްޓްރީގެ ޓީމެއް ލ.ގަމަށް ޒިޔާރަތް ކުރުމަށްވަނީ ހަމަޖެހިފައެވެ. މިޓީމު ގަމަށް ދަނީ އޭއެފްސީ ކަޕްގެ މެޗެއް ގަމުގައި ކުޅުމަށް މިސަރުކާރުން ވައުދުވެފައިވާތީ، ގަމުގެ ދަނޑުގައި އެކަން ކުރެވޭނެތޯ ބެލުމަށްކަމަށްވެސް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވިއެވެ. އަދި ބެޑްމިންޓަން އެސޯސިއޭޝަނާއި ގުޅިގެން ބެޑްމިންޓަން ދެ ކޯޓް އެޅުމަށް މިހާރު މަސައްކަތް ކުރަމުންދާއިރު ލ.އިސްދޫގެ ފުޓްސެލް ދަނޑުގެ މަސައްކަތް ކުރިއަށްދާއިރު، ފުޓްބޯޅަ ދަނޑުގައި ހެދުމަށް ހަމަޖެހިފައިވާ ރޮސްޓްރަމްގެ މަސައްކަތް ހަވާލްކޮށްފައިވާ ފަރާތުން އެމަސައްކަތް ކުރިއަށްނުގެންދާތީ، މިހާރު އެމަސައްކަތްވަނީ ހުއްޓިފަކަމަށާއި އެކަމަށްވެސް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ރަށްވެހި ފަތިސްގައި ވާހަކަދައްކަމުން ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވިއެވެ.

އިސްދޫގެ އިޖްތިމާއީ މަރުކަޒުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި ލ.މާމެންދޫގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ހެދުމަށް ޓެންޑަރ ކުރެވި އެމަސައްކަތް ވަރަށް އަވަހަށް އިޢުލާން ކުރެވޭނެކަމަށާއި ލ.ހިތަދޫ ފުޓްސެލް ދަނޑުގެ މަސައްކަތް ލަސްވެފައިވަނީ ރުއްގަހުގެ މައްސަލައިގައިކަމަށާއި މިމަސްތެރޭގައި އެމަސައްކަތް ފެށުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް މަހުލޫފް ވިދާޅުވިއެވެ. ލ.މާބައިދޫއަކީ ފުޓްބޯޅަ ދަނޑެއް އެންމެ އަވަހަށް އެޅޭނެ އެއް ރަށްކަމަށާއި މާބައިދޫގެ އިޖްތިމާއީ މަރުކަޒަށް ބޭނުންވާ ސާމާނު ހަމަޖައްސައިދިނުމަށް މިހާރު އެދިފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިރަށުގައި ސާފް ޓްރެކެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ވެސް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ. ލ.ދަނބިދޫ އަދި ކުނަހަންދޫގައި މިއަންނަ އަހަރުގެ ބަޖެޓްގައި ޖަހައިގެން ފުޓްސެލް ދަނޑެއް އެޅުމަށް މަސައްކަތް ކޮށްދެއްވާނެކަމަށާއި ކުނަހަންދޫގެ ފުޓްބޯޅަ ދަނޑުގައި ފެންސް ޖެހުމަށް ބޭނުންވާ ފައިސާ ފިނޭސް މިނިސްޓްރީ މެދުވެރިކޮށް މިހާރު ހަމަޖެހެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މުންޑޫ އަދި ކަލައިދޫ ފުޓްސެލް ދަނޑު މިހާރު ނިމިފައިވާއިރު ކަލައިދޫގައި ބެޑްމިންޓަން ކޯޓާއި އިޖްތިމާއީ މަރުކަޒުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ލ.އަތޮޅުގެ 11 ރަށުގައި 33 ޕްރޮޖެކްޓް ޔޫތް މިނިސްޓްރީން މިހާރު ކުރިއަށްގެންދާކަމަށްވެސް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވިއެވެ.