ޚަބަރު

މިނިސްޓަރ އިމްރާން ޔޫއެންއޯޑީސީގެ އިސްވެރިޔާއާއި ބައްދަލުކުރައްވައިފި


ރާއްޖޭގައި ކުށްކުރުން މަދުކުރުމާއި ޖިނާޢީ ޢަދުލުގެ ނިޒާމް ހަރުދަނާކުރުމުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް ޔޫއެންއޯޑީސީގެ އިސްފަރާތްތަކާއެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އދ.ގެ ކްރައިމް ޕްރިވެންޝަނާއި ކްރައިމް ޖަސްޓިސްއާ ގުޅޭ 14 ވަނަ ކޮންގްރެސްގެ ހަވާސާގައެވެ.

ރާއްޖޭގެ ވަފްދުގެ އިސްވެރިއެއްގެ ހައިސިއްޔަތުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަނީ ޔޫއެންއޯޑީސީގެ އެގްޒެކެޓިވް ޑިރެކްޓަރ ގާދާ ވާލީއާ ބައްދަލުކުރައްވައި ކުށް މަދުކުރުމާއި، ޖިނާޢީ ޢަދުލުގެ ނިޒާމް ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން މިބައްދަލުވުމުގައި މިނިސްޓަރ އިމްރާންވަނީ ރާއްޖެއާއި ޔޫއެންއޯޑީސީ ގުޅިގެން ކުރިއަށްގެންދާ ޖަލުތަކުގައި ހުރި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތާއި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމް ހަރުދަނާކުރުމުގެ އިތުރުން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން ކުރެވޭ މަސައްކަތްތައް ފާހަގަކުރައްވައި، ކުރިއަށް އޮތްތަނުގައިވެސް ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.

މިމަހުގެ 7 އިން 12އަށް ޖަޕާނުގެ ކިޔޯޓޯގައި ކުރިއަށްދާ 14 ވަނަ ޔުނައިޓެޑް ނޭޝަންސް ކޮންގްރެސް އޮން ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސްގައި ބައިވެރިވުމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ޖަޕާނަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައިވަނީ ޖަޕާނުގެ ޖަސްޓިސް މިނިސްޓަރ ޔޯކޯ ކަމިކަވްންއާވެސް ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައިވެސް ގުޅުހުންހުރި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ދެފަރާތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މިނިސްޓަރ އިމްރާން ޖަޕާނަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުގެ އިތުރުން ހޯމް މިނިސްޓްރީގެ އިސްބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނަވައެވެ.