ޚަބަރު

ސުޕްރީމް ކޯޓުން 2014ގައި ހިންގި ސުއޯމޯޓޫ މައްސަލައެއް ބައިނަލްއަޤްވާމީ މުޢާހަދާއާ ޚިލާފު


ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެޗް.އާރ.ސީ.އެމްގެ މެމްބަރުންގެ މައްޗަށް 2014ވަނަ އަހަރު ހިންގި ސުއޯމޯޓޫ މައްސަލަ މަދަނީ އަދި ސިޔާސީ ޙައްގުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާޙަދާއާ ޚިލާފުކަމަށް އދ.ގެ ހިއުމަން ރައިޓްސް ކޮމިޓީން ކަނޑައަޅައިފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް)ގެ ކުރީގެ މެންބަރުން ކަމުގައިވާ އަޙްމަދު ޠަލާލާއި ޖީޙާން މަޙްމޫދު އދ.ގެ ހިއުމަން ރައިޓްސް ކޮމިޓީއަށް 2016ވަނަ އަހަރު ހުށަހަޅުއްވާފައިވާ މައްސަލަ މިދިޔަ ނޮވެންބަރު މަހުގެ 2ވަނަ ދުވަހު އެ ކޮމިޓީއިން ނިންމިގޮތް މިދިޔަ މަހުގެ 19ވަނަ ދުވަހު ވަނީ ދިވެހި ސަރުކާރާ ރަސްމީކޮށް ޙިއްސާކޮށްފައިވާކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.

އެގޮތުން، ސުޕްރީމް ކޯޓުން 2014ގައި އެޗް.އާރް.ސީ.އެމްއާ ދެކޮޅަށް އޭރު ހިންގާފައިވާ މައްސަލައާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ދިވެހިރާއްޖޭގެ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއުގެ ދެވަނަ ސައިކަލްއަށް ހުށަހެޅި ރިޕޯޓަކީ ޤާނޫނާ ޚިލާފު، ވަކި ކޮޅަކަށް ބުރަވެފައިވާ އަދި ޢަދުލުއިންސާފުގެ ނިޒާމުގެ މިނިވަންކަން ގެއްލޭ ރިޕޯޓެއްކަމަށް ނިންމި ނިންމުމަށްވެސް އދ.ގެ ހިއުމަން ރައިޓްސް ކޮމިޓީންވަނީ އަލިއަޅުވާލާފައެވެ.

މީގެ އިތުރުން އެޗް.އާރް.ސީ.އެމްގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާއި އދ.އަށް މަޢުލޫމާތު ޙިއްސާކުރުމުގައި އެ ކޮމިޝަނުގެ ދައުރު ހަނިވެގެންދާގޮތަށް ޢަމަލުކުރަންޖެހޭ ވަކި ގައިޑްލައިނެއް ކަނޑައެޅުއްވުމުގެ ސަބަބުން އެކޮމިޝަނުގެ މެންބަރުންނަށް މަދަނީ އަދި ސިޔާސީ ޙައްގުތަކާބެހޭ ބައިނަލްއަޤްވާމީ މުއާހަދާގެ 19ވަނަ މާއްދާއިން ލިބިދޭ ޙައްޤަށް އުނިކަން އައިސްފައިވާ ކަމަށް އެމައްސަލާގައި ފާހަގަކޮށްފައިވާކަމަށް އޭޖީ އޮފީހުން ވިދާޅުވިއެވެ.

ސުއޯމޯޓޫ މައްސަލައަށްފަހު ސުޕްރީމް ކޯޓުން 2014ގައި ނެރުއްވި ގައިޑްލައިންގެ ނަތީޖާއަކީ ސަރުކާރުގެ ނުވަތަ އަމިއްލަ ފަރާތަކާ ގުޅޭގޮތުން ކޮމިޝަނުގެ ކަންބޮޑުވުންތައް ފާޅުކުރުމަށް ހުރަސްއެޅިގެން ދިޔުންކަމަށާއި، ދަޢުލަތުގެ މުއައްސަސާތަކުން ކުރާ ކަންތައްތަކާއި ޢާންމު މަޞްލަޙަތު ހިމެނޭ ކަންކަމުގައި ކޮމިޝަނުން މިނިވަންކަމާއެކު ޚިޔާލު ފާޅުކުރުމަށް ހުރަސްއެޅިފައިވާކަން އެ ކޮމިޓީއިން ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން 2014ވަނަ އަހަރު ހިންގާފައިވާ ސުއޯމޯޓޫ މައްސަލައަށް ބެލުމަށްފަހު، އެޗް.އާރް.ސީ.އެމްއަށް ކޯޓުން ކުރައްވާފައިވާ ތުހުމަތުތަކާއި ފާހަގަކުރައްވާފައިވާ ކަންކަމާއި ނެރުއްވާފައިވާ ގައިޑްލައިނަކީ ޝަކުވާ ހުށަހަޅާފައިވާ ފަރާތްތަކުގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު "ގައިދުކުރުން"ކަމަށް ހިއުމަން ރައިޓްސް ކޮމިޓީން ވަނީ ކަނޑައަޅުއްވާފައެވެ.

އަދި އެއީ މަދަނީ އަދި ސިޔާސީ ޙައްގުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާގެ 19ވަނަ މާއްދާގެ ތަރަހައިގެ ތެރެއިން ކަނޑައެޅޭ ވަކި މުހިންމުމަޤްޞަދެއް ޙާސިލްކުރުމަށް ގައިދުކޮށްފައިވާ ގައިދުކުރުމެއް ކަމަށް ނުބެލެވޭނެކަމަށް ހިއުމަން ރައިޓްސް ކޮމިޓީއިން ކަނޑައަޅުއްވާފައިވާކަމަށް އޭޖީ އޮފީހުން ވިދާޅުވިއެވެ.

މީގެ އިތުރުން މުސްތަޤްބަލުގައި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަކީ، ދައުލަތުން ކުރަންޖެހޭނެ ކަމެއްކަމަށް ވެސް ހިއުމަން ރައިޓްސް ކޮމިޓީން ވަނީ ނިންމަވާފައެވެ.

އެޗް.އާރްސީ.އެމްގެ މައްޗަށް ސުޕްރީމް ކޯޓުން ނެރުނު ގައިޑްލައިންގެ ޤާނޫނީ ބާރު ނިމުމަކަށް ގެނައުމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ 2019ވަނަ އަހަރުއެވެ.

މަޖިލީހުން އެއިޞްލާޙް ފާސްކޮށް، 22 ސެޕްޓެންބަރު 2020ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމުން، އެ ގައިޑްލައިންގެ ޤާނޫނީ ބާރު ނިމުމަކަށް އައިސްފައިވާކަން އޭޖީ އޮފީހުން ފާހަގަކުރެއްވިއެވެ.

އަދި ޤާނޫނަށް ގެނެވުނު އިޞްލާޙުގެ ސަބަބުން، ޤާނޫނުއަސާސީން ހިއުމަން ރައިޓްސްކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް މަތިކޮށްފައިވާ އެންމެހާ ޒިންމާތައް މިނިވަންކަމާއެކު އަދާކުރުމުގެ ފުރިހަމަ ފުރުޞަތު ފަހިވެގެންދާކަމަށްވެސް ބަންޑާރަނާއިބުގެ އޮފީހުން ވިދާޅުވިއެވެ.