ޚަބަރު

ކޯވިޑް-19 : "ސަރުކާރުގެ 14ތަނަކުން ޓެސްޓްހެދޭނެ، އަމިއްލަ 6 ތަނަކަށްވަނީ ހުއްދަ ދީފައި"


މިވަގުތު ސަރުކާރުގެ 14 ފެސިލިޓީއެއްގައިހުރި ލެބޯޓްރީތަކުން ކޯވިޑް-19އަށް ޓެސްޓުކުރަމުން ގެންދާކަމަށާއި، އަމިއްލަ 6 ތަނަކަށް ޓެސްޓުކުރުމަށް ހުއްދަދީފައިވާކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ(އެޗްއީއޯސީ)ން ހާމަކޮށްފިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ އޭގެ ތެރޭގައި މާލޭ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކޮށްފައިވާ ތަންތަން ހިމެނޭކަމަށެވެ. އަދި 14 ފެސިލީޓީގެ ތެރެއިން 6 ތަނަކުން ޕީސީއާރު ޓެސްޓް ހެދެއެވެ.

ޕީސީއާރު ޓެސްޓް ހެދޭ ތަންތަނުގެ ތެރޭގައި ހިމެނެނީ

  • އައިޖީއެމްއެޗް
  • ހުޅުމާލެ ހޮސްޕިޓަލް
  • އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް
  • ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
  • މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރިންސިކް ލެބޯޓްރީ
  • ދަރަވަންދޫ ލެބޯޓްރީ

ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މި 14 ފެސިލިޓީގެ އިތުރުން ދ.ކުޑަހުވަދޫގައި ޓެސްޓިންގ ފެސިލިޓީ ޤާއިމްކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށެވެ.

ޖީން އެކްސްޕާޓް މެޝިންތައް ބޭނުންކޮށްގެން ޓެސްޓްހެދޭ ފެސިލިޓީތަކަކީ

  • ށ. ފުނަދޫ ހޮސްޕިޓަލް
  • ރ. އުނގޫރާފު ރީޖަނަލް ހޮސްޕިޓަލް
  • ބ. އޭދަފުށި ހޮސްޕިޓަލް
  • ލ. ގަން ރީޖަނަލް ހޮސްޕިޓަލް
  • ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް
  • ގއ. އަތޮޅު ހޮސްޕިޓަލް
  • ފުވައްމުލަކު ސިޓީ ހޮސްޕިޓަލް

މިވަގުތު ކޯވިޑް-19އަށް ޓެސްޓްކުރުމައްޓަކައި ޙުއްދަ ދީފައިވާ އަމިއްލަ ތަންތަން

  • އޭޑީކޭ ހޮސްޕިޓަލް
  • އާރްއެމްއެލްއެސް
  • މެޑިޕްލެކްސް ލެބޮރަޓަރީ
  • މެޑިލެބް ޑައިގްނޯސްޓިކް ސެންޓަރ
  • ޓްރީ ޓޮޕް ހޮސްޕިޓަލް
  • މާފަރު ލެބޯޓްރީ

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ މިހާރު ކޯވިޑް-19އަށް ޓެސްޓްކުރާ ފެސިލިޓީތަކުގެ ތެރެއިން އެކްޓިވް ސަރވަޔަލަސް ސާމްޕަލްތަކާއި އެނޫންވެސް ގިނަ ސާމްޕަލްތައް ޓެސްޓްކުރެވެނީ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގެ ލެބޯޓްރީންކަމުގައެވެ.

"ކޮމިއުނިޓީ ސްޕްރެޑް ސާމްޕަލްތަކަށްބަލާލާއިރު، ގާތްގަނޑަކަށް 60 އިންސައްތައަށްވުރެންވެސް ގިނައިން މި ރަންކުރެވެނީ އައިޖީއެމްއެޗްގައި. އޭގެއިތުރުން ގިނަ ރަށްރަށުގައި ނެގޭ އެކްޓިވް ސަވަޔަލަންސް ސާމްޕަލް އަދި އަޅުގަނޑުމެން ބަލި ކޮންޓްރޯލްކުރުމަށް ނެގޭ ވަރަށްގިނަ ސާމްޕަލްތައް ފޮނުވެނީ އައިޖީއެމްއެޗަށް" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޓެސްޓުކުރުމައްޓަކާއި ކޮންމެ ދުވަހަކުވެސް 3000އާއި 4500އާދެމެދުގެ އަދަކަށް ސާމްޕަލް ނަގައިދަނީ ޓެސްޓުކުރަމުންނެވެ. މިއާއެކު ކޯވިޑް-19އަށް ޓެސްޓުކުރުމަށް ނެގި ސާމްޕަލްގެ އަދަދު މިހާރު ވަނީ 559،713 އަރާފައެވެ.