ޚަބަރު

ކޯވިޑް-19 : ރަމަޟާންމަހު ވެކްސިންދިނުން ކުރިއަށްގެންދާނީ ރޭގަނޑު - ޑރ. ނަޒްލާ


ކޯވިޑް-19އިން ދިފާޢުވުމަށްދޭ ވެކްސީން ދިނުން އަންނަ ރަމަޟާންމަހު ކުރިއަށްގެންދާނީ ރޭގަނޑު ގަޑީގައިކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ ރޯދަމަހު ވެކްސިންދިނުމުގެ ކަންކަން ކުރުމަށް މަވަގުތަށް ރޭވިފައިވަނީ ރޭގަނޑުގެ ވަގުތުތަކުގައިކަމަށާއި، ވެކްސިންދޭނެ ގަޑިތަކާއި ވެކްސީން ޖަހާނެތަންތަން ރޯދަމަސް ފެށެން ގާތްވުމުން ހާމަކުރަމުންދާނެކަމަށެވެ.

ކޯވިޑް-19އިން ދިފާއުވުމަށް ރާއްޖޭގައި މިހާތަނަށް 165،675މީހުން ވެކްސީން ޖަހާފައިވާއިރު، ވެކްސިން ޖެހުމުގެ ޚިދުމަތް މިހާރު ދެމުން މާލެ ސަރަހައްދުގެ 8 ސެންޓަރަކާއި އަތޮޅުތަކުން 169 ސެންޓަރަކުންދަނީ ފޯރުކޮށްދެމުންނެވެ. އަދި މާލޭ ސަރަޙައްދުގައި ވެކްސިން ދިނުމަށްޓަކައި 2 މޯބައިލް ޓީމްވެސް ހަރަކާތްތެރިވަމުންދެއެވެ.

ރާއްޖޭގައި މިހާރުވަނީ ޢުމުރުން 18 އަހަރުން މަތީގެ ހުރިހާ އުމުރުފުރާތަކަށް ވެކްސިން ޖެހުމުގެ ފުރުޞަތު ހުޅުވާލާފައެވެ. މިއާއިއެކު ކޮވިޝީލްޑް ވެކްސިން ދިނުމުގެ ހުއްދަ އޮންނަ ހުރިހާ އުމުރުފުރާތަކަށް މިހާރު މިވަނީ ރާއްޖޭގައި ވެކްސިން ދޭން ފަށާފައެވެ.

ރާއްޖޭގައި މިވަގުތު ކޮވިޝީލްޑް ވެކްސީންގެ ފުރަތަމަ ޑޯޒް ދެމުންދިޔަނަމަވެސް މިމަހުގެ 15ވަނަ ދުވަހުންފެށިގެން ފުރަތަމަ ޑޯޒް ޖެހުން މަޑުޖައްސާލައި، ދެވަނަ ޑޯޒް ޖަހަން ފެށަން ތައްޔާރުވަމުން ދާކަމަށް ހެލްތު މިނިސްޓަރުވަނީ ވިދާޅުވެފައެވެ.