ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަންޔޫބިލް ހަރަކާތްތަކުގައި ބޭނުންކުރާ ރަސްމީ ލޯގޯ އިފްތިތާހުކޮށްފިއެވެ.
ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަންޔޫބިލް ހަރަކާތްތަކުގައި ބޭނުންކުރާ ލޯގޯ އިފްތިތާޙުކޮށްފައިވަނީ ޓުއަރިޒަމް މިނިސްޓްރީން މިއަދު ބޭއްވި ވަރޗުއަލް އިވެންޓެއްގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީއެއްކަމަށްވާ، މަޓީގެ ޗެއަރމަން މުހައްމަދު އުމަރު މަނިކުއެވެ.
ލޯގޯ އިފްތިތާޙުކުރުމަށް ބޭއްވި ވަރޗުއަލް އިވެންޓުގައި މިނިސްޓަރ އޮފް ޓުއަރިޒަމް އަބްދުﷲ މައުސޫމްގެ އިތުރުން، ރާއްޖޭގެ ފުރަތަމަ ޓުއަރިޒަމް މިނިސްޓަރ އަހުމަދު މުޖްތަބާއާއި، މަޓީގެ ވައިސް ޗެއަރމަން ހުސައިން އަފީފް އަދި އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމީއްޔާތުގައި ލޯގޯ ލޯންޗު ކޮށްދެއްވުމަށް ފަހު، މަޓީގެ ޗެއާމަން މުހައްމަދު އުމަރު މަނިކު ވިދާޅުވީ، ރާއްޖޭގައި ފަތުރުވެރިކަން ފެށިގެން އައީ ވަރަށް އާދައިގެ ގޮތަކަށް ކަމަށާއި، އޭރު ފެށުނީ ރާއްޖޭގެ ޤުދުރަތީ ރީތިކަން ދެކެން އައި މީހުންނާއއެކު ކަމަށެވެ. ނަމަވެސް ކުރިއާ އަޅާބަލާއިރު މި ސިނާޢަތް މިއޮތީ ވަރަށް ބޮޑަށް ބަދަލުވެފައި ކަމަށާއި، އަންނަ މީހުންނާއި ދެކޭ ގޮތްވެސް ތަފާތު ވެފައިވާ ކަމަށް އެމްޔޫ މަނިކު ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުން ހުރި ގިނަ ފަރާތްތަކުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން މިރަސްމީއްޔާތުގައި ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވީ، ފަތުރުވެރިކަމުގެ ރަން އަހަރު، ރަން އަހަރަކަށް ވެގެންދާނީ ސިނާޢަތުގެ މަންފާ ދިވެހިންނަށް ފޯރައިގެންކަމަށެވެ. އެގޮތުން މިވިޔަފާރީގެ މަތީ ފަންތީގެ ވަޒީފާތަކަށް ދިވެހީން ވާންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިރަސްމިއްޔާތުގައި މަޓީގެ ޗެއާމަންގެ އިތުރުން ވައިސް ޗެއާމަން އަދި ދާއިރާގައި ގިނަ ދުވަހު ޙިދުމަތް ކޮށްދެއްވާފައިވާ ހުސެއިން އަފީފް ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެ މިހާހިސާބަށް އައިއިރު ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އަދި މިހާހިސާބަށް އިންޑަސްޓްރީ އައިސްފައިވަނީ ސަރުކާރާއި ޕްރައިވެޓް ސެކްޓަރ ދެމެދު އޮތް ގުޅުމުގެ ސަބަބުންކަން އަފީފް ފާހަގަކުރެއްވިއެވެ.
ރަސްމީއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިހާރުގެ ހެލްތު މިނިސްޓަރ އަދި މިސިނާޢަތުގައި ގިނަ ޙިދުމަތްތަކެއް ކޮށްދެއްވާފައިވާ، އަހުމަދު ނަސީމް ވިދާޅުވީ، ވަރަށް ކުޑަކޮށް ފެށުނު މިސިނާޢަތުގައި ބޭރުގެ ގިނަ އިންވެސްޓަރުން އައުމާއެކު އިންޑަސްޓްރީ ބޮޑުވެގެން ގޮސް ދިވެހިންނަށް އޮތް ފުރުސަތު ކުޑަވެފައިވާކަމަށެވެ. އަދި މިހާރު ޓުއަރިޒަމްގެ ހިއްސާ ދިވެހިންނަށް ލިބޭނެ މަގެއް ހޯދުމަށް ވިސްނަން ޖެހިފައިވާކަން އެމަނިކުފާނު ފާހަގަކުރެވިއެވެ.
ޓުއަރިޒަމް މިނިސްޓްރީން އިފްތިތާޙުކުރެއްވި، ލޯގޯއަކީ ދިވެހިރާއްޖޭގެ ޤުދުރަތީ މުއްސަނދިކަމާއި، ސަޤާފަތާއި ތަރިކަ ދޭހަވާގޮތަށް ފަރުމާ ކުރެވިފައިވާ ލޯގޯއެކެވެ. މިލޯގޯ ފަރުމާކޮށްފައިވަނީ ދިވެހި ދެ އާޓިސްޓުން ކަމަށްވާ އަބްދުﷲ ނަޝާތު އަދި އަހުމަދު އަޒްލިފްކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް އަންނަ އަހަރު 50 އަހަރު ފުރޭއިރު، ވަރަށް ކުލަގަދަކޮށް އެކަން ފާހަގަކުރުމަށް ޓުއަރިޒަމް މިނިސްޓްރީން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން ޙާއްސަ ކައުންޑައުންއެއް ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ފަށާފައެވެ.
މި ކައުންޓްޑައުން މެދުވެރިކޮށް ޓޫރިޒަމް މިނިސްޓްރީގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް ފަތުރުވެރިކަން ރާއްޖެއަށް ތައާރަފްކުރުމުގައި އިސްކޮށް އުޅުއްވި ބޭފުޅުންނާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޙާއްސަ ވީޑިއޯ މެސެޖްތައް ދައްކާނެއެވެ. މި ކައުންޓްޑައުން މުޅި މި އަހަރަށް ބަހާލާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.