ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ރަސްމީ ދަތުރުފުޅެއްގައި ޤަތަރާއި ބަންގްލަދޭޝަށް ވަޑައިގަންނަވަނީ


ރައީސުލްޖުމްހޫރިއްޔާ ޤަތަރާއި ބަންގްލަދޭޝަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޤަތަރަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14ވަނަ ދުވަހުކަމަށެވެ. މިދަތުރުފުޅަކީ ރާއްޖެއާ ޤަތަރާއެކު އަލުން ގުޅުން ޤާއިމްކުރުން ފާހަގަކުރުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނުވަނީ ވިދާޅުވެފައެވެ.

ތިން އަހަރަށް ފަހުން ރާއްޖެއިންވެސް ޤަތަރާއިއެކު ސިޔާސީ ގުޅުން އަލުން ޤާއިމުކުރުމަށް ނިންމައި އެކަން އިއުލާންކުރީ މިދިޔަ ޖެނުއަރީމަހުގެ ތެރޭގައެވެ. ޤަތަރުގެ އިތުރުން މިމަހުގެ 15ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ބަންގްލަދޭޝްއަށްވެސް ރަސްމީ ދަތުރުފުޅެއްކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

ބަންގްލަދޭޝްއަށް ރައީސް ވަޑައިގަންނަވަނީ 1975 ވަނަ އަހަރު އަވަހާރަކޮށްލާފައިވާ ބަންގްލަދޭޝްގެ މިނިވަންކަމުގެ ބާނީ އަދި މިހާރުގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާގެ ބައްޕާފުޅު ޝެއިޚް މުޖީބުއްރަހުމާނަށް 100 އަހަރު ފުރުމުގެ މުނާޞަބާގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. ޝެއިޚް މުޖީބު ރަޙްމާނަކީ ބަނގްލަދޭޝްގެ ފުރަތަމަ ރައީސެވެ.