ޚަބަރު

މިނިސްޓަރ ނަހުލާ ބުރަކޮށް މަސައްކަތްކުރައްވާ، އެކަމަނާއަށް އިތުބާރުއެބައޮތް - ރައީސް


ޓްރާންސްޕޯޓު އޮތޯރިޓީގައި ހުރި މައްސަލަތައް ހައްލުކުރުމަށް މިނިސްޓަރު ޢާއިޝަތު ނަހުލާ ވަރަށް ބުރަކޮށް މަސައްކަތްކުރައްވާކަމަށާއި، އެކަމަނާއަށް ފުރިހަމައަށް އިތުބާރުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓު އޮތޯރިޓީގައި ހުރި މައްސަލަތަކާއި އެކަންކަން ހައްލުކުރުމަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓްރީއާއި ޓްރާންސްޕޯޓް އޮތޯރިޓީގެ މެންޑޭޓްގައި ފުށުއެރުންތަކެއް އެބަހުރިކަަމަށެވެ. އެހެންކަމުން ސަރުކާރުން ނިންމަވާފައިވަނީ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށްފަހު ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށަށް އެތަނުގެ މަސައްކަތްތައް ބަދަލުކުރުމަށް ކަމަށާއި އެކަމުގެ މަސައްކަތްތައް ފަށާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީއާއި ގުޅިގެން ހުށައެޅޭ ކަންބޮޑުވުންތައް ބަލާލުމުން ޤަވާއިދާއި ޚިލާފަށް ކަންކަން ކުރެވިފައި ހުރިކަން ފާހަގަކުރެވޭކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ފޯޖް ޑޮކިއުމެންޓްތަކެއް ހުށައަޅައިގެން ވެހިކަލްތައް ރަޖިސްޓްރީކޮށްފައިވާކަމަށާއި އެކަންކަން ޓްރާންސްޕޯޓު މިނިސްޓަރު ޒިންމާދާރުކަމާއެކު ބައްލަވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.

"މިހާތަނަށް 18 ވެހިކަލެއްގެ ރަޖިސްޓްރީ ފޯޖްކޮށްގެން ހަދާފައިވާކަމަށް ފެނިގެން އެކަންކަން ބެލުމަށް ޕޮލިހަށާއި، އޭސީސީއަށް އެމައްސަލަ ފޮނުވާ ވާހަކަ މިނިސްޓަރު ވިދާޅުވި. ފޮނުވާފައި މިހާރުވަނީ. އޭގެ އިތުރުންވެސް މައްސަލަތައް ހުރިތޯ ބަލައި އެކަންތައްތައް ކުރިއަށްދާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޓްރާންސްޕޯޓުން ބައެއް ޚިދުމަތްތައް ދިނުމުގައި ލަސްތަކެއް އުޅޭކަން ފާހަގަކުރެވޭތީ އެކަންކަން ހައްލުކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކަމާގުޅޭ ޑިޕާޓްމަންޓްތަކާއެކު މިހާރު ކުރެވެމުންދާކަމަށެވެ. އަދި ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށްފަހު މިނިސްޓްރީގެ މެންޑޭޓަށް ގެނެވޭ ބަދަލުތަކާއެކު ހިންގުމަށް ބޮޑު ބަދަލުތަކެއް އަންނާކަމަށެވެ.