ޚަބަރު

މިމަހުގެ 15ގެ ފަހުން ވެކްސިން ޖަހާނެ މީހުން އެޗްޕީއޭއިން ކަނޑައަޅައިފި


މާލެ ސަރަޙައްދުގައި މިމަހުގެ 15ގެ ފަހުންވެސް ހައިރިސްކު މީހުންނާއި ކޮންޓެކްޓުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދޭނެކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.

އެޗްއީއޯސީން ވިދާޅުވީ މާލެ ސަރަޙައްދުގައި ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން އަންނަ ހަފްތާގެ ހޯމަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާގޮތަށް ނިންމާފައިވީނަމަވެސް އޭގެ ފަހުންވެސް ބައެއް ފަރާތްތަކަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ކުރިއަށް ގެންދާނެކަމަށެވެ.

މިއަންނަ އަންގާރަ ދުވަހުން ފެށިގެން ވެކްސިން ދިނުމަށް ހަމަޖެހިފައިވާ މީހުން:


* ބަލިން ރައްކާތެރިކުރުމަށް ޚާއްޞަ އިސްކަމެއް ދޭ ފަރާތްތައް (އުމުރުން ދުވަސްވީ މީހުންނާއި ބަލިތަކުގައި އުޅޭ މީހުން)
* ޕޮޒިޓިވްވެ މިހާރު އެކަހެރިވެފައިވާ މީހުން (އެމީހުންނަށް ވެކްސިންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި)
* ކޮންޓެކްޓަކަށްވެ ކަރަންޓީންގައި ތިބި މީހުން (އެމީހުންނަށް ވެކްސިންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި)
* ރާއްޖެއިން ބޭރުން ދަތުރުކުރުމަށްފަހު ކަރަންޓީންގައި ތިބި މީހުންނާއި މާލެއިން ދަތުރުކުރުމަށްފަހު ކަރަންޓީނުގައި ތިބި މީހުން
* ބައްޔެއްގެ ސަބަބުން ނުވަތަ ޞިއްޙީ ޙާލަތެއްގެ ސަބަބުން ވެކްސިން ޖެހުން ލަސްކުރަންޖެހުނު މީހުން

ޢުމުރުން 18 އަހަރުން މަތީގެ ހުރިހާ އުމުރުފުރާތަކަށް ވެކްސިން ޖެހުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، މިއާއެކު ރާއްޖޭގައި މިވަގުތު ދެމުންދާ ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ދިނުމުގެ ހުއްދަ އޮންނަ ހުރިހާ އުމުރުފުރާތަކަށް މިހާރުވަނީ ވެކްސިން ދޭން ފަށާފައެވެ.

އެޗްޕީއޭއިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މާލެއާ ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 175،456 މީހުންވަނީ ވެކްސިން ޖަހާފައެވެ.

މިމަހުގެ 15ވަނަ ދުވަހާ ހަމައަށް ކޯވިޑް-19ގެ ފުރަތަމަ ޑޯޒް ޖެހުން މަޑުޖައްސާލާނެކަން ހެލްތު މިނިސްޓަރު ހާމަކުރެއްވުމާއި ގުޅިގެން މާލެ ސަރަހައްދުގައި ވެކްސިންޖަހަންދާ މީހުންގެ ޢަދަދުވަނީ އިތުރުވެފައެވެ. އެގޮތުން އިއްޔެ ރާއްޖޭގައި ރެކޯޑް އަދަދަކަށްވަނީ ވެކްސިން ޖަހާފައެވެ. އަދި ވެކްސިންޖަހާ ސެންޓަރުތަކުގެ ކައިރީގައި މިއަދުވެސްވަނީ ދިގު ކިޔޫތަކެއް ހަދާފައެވެ.