ޚަބަރު

އިންތިޚާބުގައި ވާދަކުރަން އިތުރު ފުރުސަތެއް ހޯދަން ހުށަހެޅި މައްސަލަ ބެލެންނެތްކަމަށް ޙުކުމްކޮށްފި


ކުރިއަށް އޮތް ލޯކަލް ކައިންސިލްތަކުގެ އިންތިޚާބުގައި ވާދަކުރަން އިތުރު ފުރުސަތު ލިބިދިނުމަށްއެދި ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައަކީ އެކޯޓަށް ބެލުމުގެ އިޚްތިސާސްގައި ހިމެނޭ މައްސަލައަކަށް ނުވާތީ އެމައްސަލަ ބެލެންނެތްކަމަށް ހައިކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައަކީ އަންނަ އޭޕްރީލް މަހުގެ 10ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބުގައި ވާދަކުރެވޭނީ 6 މާރިޗު 2020ގައި އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައިވާ ކެންޑިޑޭޓުންނަށް އެކަނިކަމަށް ކަނޑައަޅައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނުގައި ހިމަނާފައިވާބައި ޤާނުނު އަސާސީއާ ޚިލާފުކަމަށް ކަނޑައަޅައި އެބައި އުވާލަދިނުމަށް އެދި އަމިއްލަ ފަރާތަކުން ހައިކޯޓަށް ހުށައަޅަފައިވާ މައްސަލައެވެ.

މިމައްސަލައިގައި ހައިކޯޓުން ކުރި ޙުކުމުގައިވަނީ ތ.ކަނޑޫދޫ މެނީލާ، މުޙައްމަދު ތަސްލީމްގެ ފަރާތުން ދިވެހި ދައުލަތުގެ މައްޗަށް ދަޢުވާ ރައްދުވާގޮތަށް ހުށަހަޅާފައިވާ މި މައްސަލައަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 37ވަނަ މާއްދާއާއި ހައިކޯޓު ޤަވާއިދުގެ 25ވަނަ މާއްދާގެ ދަށުން ހައިކޯޓަށް ލިބިގެންވާ ދުސްތޫރީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞްގެ ތަރަހައިގެ ތެރޭގައި ހިމެނޭ މައްސަލައެއްކަމަށް ނުފެންނަކަމަށެވެ.

އެހެންކަމުން މިއީ މައުޟޫއީގޮތުން ހައިކޯޓަށް ގޮތެއް ކަނޑައެޅިދާނެ މައްސަލައެއްނޫންކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުންވަނީ ޙުކުމްކޮށްފައެވެ.

މި ޙުކުމުގައި ވާގޮތުން މުޙައްމަދު ތަސްލީމްގެ ފަރާތުން މީގެކުރިން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެއީ އެ ކޯޓުގެ އަސްލީ އިިހްތިސާސް ލިބިގެންވާ މައްސަލައެއް ނޫން ކަމަށް ނިންމާފައިވީނަމަވެސް، މިއީ ޤައުމުގެ އާންމު މަސްލަހަތާ ގުުޅުންހުރި މައްސަލައެއް ނޫން ކަމަށް އެ ކޯޓުން ނިންމާފައިނުވާކަމަށެވެ.

ހައި ކޯޓުގެ ޤަވާއިދުގައިވާގޮތުންވެސް ދުސްތޫރީ މައްސަލަތަކުގެ ތެރެއިން އެ ކޯޓަށް ބެލޭނީ ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިޞާޞް ލިބިފައިވާ މައްސަލަތައް ނޫން މައްސަލަތައް ކަމަށްވެސް ހައިކޯޓުގައި ހުކުމްގައިވަނީ ފާހަގަކޮށްފައެވެ. ހައިކޯޓުގެ ފަސް ފަނޑިޔާރަކު ހިނޭ ބެންޗުން ބެއްލެވި މިމައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޙަސަން ޝަފީޢެވެ.