ޚަބަރު

ނަޞްރުގެ ދުވަހުގެ ޝަރަފުގެ ހިނގާލުން ބާއްވައިފި


ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފްގެ ޝަރަފުގެ ހިނގާލުން މާލޭގައި މިއަދު ހަވީރު ބާއްވައިފިއެވެ.

ޝަރަފުގެ ހިނގާލުން ކުރިއަށްދިޔައީ ކަޅުތުއްކަލާކޮށީ އުތުރު ގޭޓުން ނުކުމެގެން ހަނދުވަރީ ހިނގުމުން އުތުރަށް ގޮސް އަމީނީމަގުން އިރަށް، އަދި ބޮޑުތަކުރުފާނު  މަގުން ހުޅަނގަށެވެ. އަދި ބޮޑުތަކުރުފާނު މަގުން، ދަރުބާރުގެ ކައިރީގައި މަޑުކުރުމަށްފަހު ސިފައިންގެ ބޭންޑުގައި ރާގު ވަނީ ކުޅެފައެވެ. މިހިނގާލުން ނިންމާލާފައިވަނީ  ބޮޑުތަކުރުފާނު މަގުން ހުޅަނގަށް، ކަޅުތުއްކަލާކޮށީ ދެކުނު ގޭޓަށެވެ.



އެމްއެންޑީއެފްގެ ޝަރަފުގެ ހިނގާލުން ބެލުމަށްޓަކައި ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި ކުޑަކުދިން ވަނީ މަގުތަކަށް ނިކުމެފައެވެ. އަދި އެމްއެންޑީއެފްގެ ބޭންޑް އެންޑް މިއުޒިކް ވިންގުން ހުއްޓި ކުޅުނު ރާގުތަކަށް އާންމު ރައްޔިތުންގެ ވަރަށް ބޮޑު ތަރުހީބެއްވަނީ ލިބިފައެވެ.

ޝަރަފުގެ ހިނގާލުމުގެ އިތުރުންވެސް، ނަސްރުގެ ދުވަސް ފާހަގަކުރުމަށްޓަކައި އެމްއެންޑީއެފުން ދަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ.