ޚަބަރު

ފައެއް ޖެހުމަށް ފިރުޝާންގެ ޢާއިލާއިން ހުށައެޅުމުން ޚަރަދު ހަމަޖެހޭނެ - އާސަންދަ


ސީލިންއެއް ގައިމައްޗަށް ވެއްޓުމާއި ގުޅިގެން ފައި ބުރިކޮށްލަން ޖެހުނު މުޙައްމަދު ފިރުޝާންގެ އާއިލާއިން އެހީއަށް އެދުމުން ޕްރޮސްތެޓިކް ފައެއް ޖެހުމަށް އެހީވާނެކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.

ގދ. ގައްދޫ ކައިރީގައި އޮންނަ ފަޅު ރަށަށް، ދަތުރުގޮސްއުޅެނިކޮށް ބާއިމާރާތެއްގެ ސީލިންގ ވެއްޓި އަނިޔާވުމުގެ ސަބަބުން އުމުރުން އެންމެ 17 އަހަރުގެ ފިރުޝާންގެ ފައިވަނީ ބުރިކޮށްލ؛ާފައެވެ. މިހާދިސާއާ ގުޅިގެން ފިރުޝާންއަށް މާލެއިން ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާއިރު، ޕްރޮސްތެޓިކް ފައެއް ޖެހުމަށް ފިރުޝާންގެ ޢައިލާއިން މިހާރުވަނީ އާންމު ފަރާތްތަކުގެ އެހީއަށްއެދިފައެވެ.

މީޑިއާތަކުގައި އެޚަބަރު ފެތުރުމާއެކު އާސަންދަ ކުންފުނިންވަނީ ފިރުޝާނަށް އެކަމުގައި އެހީވާނެކަން ހާމަކޮށްފައެވެ.

އާސަންދަ ކުންފނީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފިރުޝާންއަށް ދިމާވި ހިތާމަވެރި ޙާދިސާއާ ގުޅިގެން އިމަރޖެންސީ ޙާލަތުގަ އާސަންދައިން ޗާރޓަރު ފްލައިޓެއްގަ ފިރުޝާން މާލެގެނެސް އާސަންދައާއި އެންސްޕާ ގުޅިގެން އައިޖީއެމްއެޗާއި، އޭޑީކޭ ހޮސްޕިޓަލުން ފަރުވާގެ ޚަރަދުތައް ހަމައްޖެއްސިކަމަށެވެ. ނަމަވެސް ހޮސްޕިޓަލުން ދޫކޮށްލިފަހުން ޕްރޮސްތެޓިކް ފައެއް ޖެހުމަށް ފިރުޝާންގެ އާއިލާގެ ފަރާތުން އެންސްޕާގައި މިހާތަނަށް އެދިފައިނުވާކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ ފައެއް ޖެހުމަށް ބޭނުންވާ ޚަރަދު ހޯދަން އާއިލާގެ ފަރާތުން އެންސްޕާއަށް ހުށައެޅުމުން އާސަންދަ މެދުވެރިކޮށް އެޚަރަދުތައްވެސް ކަވަރުކުރާނެކަމަށެވެ.