ޚަބަރު

ދުއިސައްތައަށްވުރެ ގިނަ މައްސަލައިގަ ހިމެނޭ ބަނގުރާ ނައްތާލައިފި


200އަށްވުރެ ގިނަ މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާ ގޮތުގެ ޤަވާއިދުގެ ދަށުން މިތަކެތި ނައްތާލާފައިވަނީ ދޫނިދޫގައެވެ.

ފުލުހުން ވިދާޅުވީ އިއްޔެ ނައްތާލާފައިވަނީ 42 އިންސިޑެންޓެއްގައި ހިމެނޭ ހެކިތަކާއި 2012ވަނަ އަހަރުގެ އެއް މައްސަލައަކާއި 2017 ވަނަ އަހަރުގެ އެއް މައްސަލައެއްގެ އިތުރުން 2019 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ނައްތާނުލެވިހުރި ޖުމްލަ 210 މައްސަލައެއްގައި ހިމެނޭ ތަކެތިކަމަށެވެ.

މިމައްސަލަތަކުގެ ތެރެއިން ނައްތާލާފައިވަނީ ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ އަދި ނައްތާލުމުގެ ހުއްދަ ޕީޖީ އޮފީހުން ދީފައިވާ މައްސަލަތަކާއި ދައުވާނުކުރުމަށް ނިންމައި ފައިލްކޮށްފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރާކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރަން އަންނަ ފަތުރުވެރިންގެ އަތުން ނަގާފައިވާ ބަނގުރަލާއި ވަކިފަރާތަކަށް ތުހުމަތު ނުކުރެވޭގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތިވެސް މީގެތެރޭގައި ހިމެނެއެވެ.

އޭގެތެރޭގައި ހިމެނެނީ 210 މައްސަލައެއްގައި ހިމެނޭ އެކި ބްރޭންޑްތަކުގެ 5،510 ފުޅިއާއި 290 ޕެޓްފުޅިއާއި 4،947 ބިޔަރު ދަޅުގެ އިތުރުން 24 ހަމާއި ފަސް ލީޓަރުގެ 9 ފުޅިއާއި 9 ޓައްޕާއި، 192 އެހެނިހެން ތަކެއްޗެވެ. ނައްތާލާފައިވާ އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނެނީ ސާމްޕަލް ކަޕާއި ކޮތަޅާއި ނޫސް ކަރުދާހާއި ކަރުދާސް ފޮށިގަނޑާއި ދަބަހާއި ލަގެޖް ފޮއްޓާއި ތައްޓާއި ބާލިދީ އާއި ގޭސް އުނދުން އަދި ގޭސް ފުޅިފަދަ ތަކެއްޗެވެ.

އިއްޔެ ދޫނިދޫގައި ނައްތާލި ތަކެއްޗާއެކު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިހާރު ތަހުގީގު ކުރަމުންދާ މައްސަލަތަކުގައި ހިމެނޭ ބަނގުރާއާއި އެކި ސަބަބުތަކާއި ހެދި ނައްތާނުލެވޭ ތަކެތީގެ އިތުރުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާ އެއް މައްސަލައިގެ ތަކެތި ފިޔަވައި އެހެން ހުރިހާ ބަނގުރާވަނީ ނައްތާލާފައެވެ.