އައްޑޫގެ ޓުއަރިޒަމް ޒޯންތަކުގައި ވިޔަފާރި ބޭނުމަށް ބިން ދޫކުރުމަށް ބީލަން ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
އައްޑޫގެ ޓުއަރިޒަމް ޒޯންތަކުން ވިޔަފާރިތަކަށް ބިން ދޫކުރަނީ، އެސަރަހައްދުތަކުގައި އަޅާ ގެސްޓްހައުސް އަދި ސިޓީ ހޮޓާ ފަދަ ތަންތަނަށް އަންނަ ފަތުރުވެރިންނަށް އެކި ޙިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ. އެގޮތުން އައްުޑޫގެ 5 ޓުއަރިޒަމް ޒޯނަކުން ވިޔަފާރި ބޭނުމަށް 23 ބިމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ، 20 އަހަރުގެ މުއްދަތަށް ދޭ މިބިންތަކަށް ބީލަން ފޮތް އާދީއްތަދުވަހުން ފެށިގެން މިމަހުގެ 25 އަށް ކައުންސިލް އިދާރާއިން ލިބޭނެ ކަމަށެވެ. އަދި ބީލަން ފޮތް ވިއްކަން ހަމަޖެހިފައިވަނީ 1000 ރުފިޔާއަށްކަމަށް ކައުންސިލުން ބުނެއެވެ. މިއާއެކު ހުރިހާ ޓުއަރިޒަމް ޒޯނަކުން 22 ބިން ދޫކުރުމަށް ބީލަމަށް ހުޅުވާލާނެކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ. މިބިންތަކާއި ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަން 21 މާރިޗުގައި ބާއްވާއިރު ޕްރޮޕޯސަލް ހުށަހެޅުން އޮތީ އަންނަ އެޕްރީލް މަހުގެ 11 ވަނަ ދުވަހުއެވެ.
ހިތަދޫ ޓުއަރިޒަމް ޒޯނުން ދޫކުރުމަށް ހަމަޖެހިފައިވަނީ 2 ބިމެވެ. މަރަދޫ ޓުއަރިޒަމް ޒޯނުން 4 ބިން ދޫކުރާއިއިރު، ފެދޫ އާއި ހުޅުދޫ ޓުއަރިޒަމް ޒޯނުން 6 ބިން ދޫކުރާނެއެވެ. އަދި މީދޫ ޓުއަރިޒަމް ޒޯނުން 5 ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ބިންތައް ދޫކުރަނީ އެ ސަރަހައްދުތަކަށް އަންނަ ފަތުރުވެރިންނަށް އެކި ޙިދުމަތް ފޯރުކޮށްދިނުމުގެ ގޮތުންނެވެ. އެގޮތުން ރެސްޓޯރެންޓުތަކާއި، ސްޕާ، ރެންޓަލްސް، ސްވެނިއަރ ޝޮޕް އަދި ވޯޓަރ ސްޕޯޓްސް އާއި ޑައިވިން ސެންޓަރުތައް ހިންގާނެއެވެ.
އައްޑޫސިޓީ ކައުންސިލުން ޓުއަރިޒަމް ޒޯޏްތަކުން ގެސްޓްހައުސް ސިޓީ ހޯޓާތަކަށް ބިން ދޫކުރުމަށް ހުޅުވާލިއެވެ. އޭގެ ތެރެއިން 35 ފަރާތެއް ވަނީ ބީލަން ކާމިޔާބު ކޮށްފައެވެ. އަދި އެފަރާތްތަކާއެކު އެއްބަސްވުމަކަަށް ވަރަށް އަވަހަށް އާދެވޭނެކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ.
މިވަގުތު ޒޯން ތަކަށް ޒަރޫރީ ޙިދުމަތް ދިނުމަށް ފެނާއި ނަރުދަމާ އަދި ކޭބަލް އެޅުމުގެ މަސައްކަތް ކުރެވެމުންދާކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ. އަދި ލޭންޑްސްކޭޕް މަސައްކަތް ވެސް ހުރިހާ ޒޯނެއްގައި ހަވާލު ކުރެވިފައިވާ ކަމަށާއި، އެމަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
ސިޓީ ކައުންސިލުން އިތުރަށް ބުނީ، މިހާރު ދޫނުކުރެވި ހުރި ބިން ތަކުގެ ތެރެއިން ބިން ދޫކުރުމަށް އަދި އިތުރަށް ހުޅުވާލާނެ ކަމަށެވެ. މިމަޝްރޫއަކީ ސަރުކާރުގެ ފަރާތުން އައްޑޫގައި 8000 އެނދު ތަރައްޤީ ކުރުމަށް ވީ ވަޢުދުގެ ދަށުން 4000 އެނދު ތަރައްޤީ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ.